21 އޯގަސްޓް 2019 - 21:57

އަންނަ އަހަރު އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން އަދި ފިރިހެން މުބާރާތް ބާއްވަން ރާއްޖޭން ބިޑްކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލުގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯނުގެ އާންމު ޖަލްސާގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ސެންޓްރަލް ޒޯން ބޭއްވުމަށް ބިޑްކުރާނެ ކަމަށެވެ.
"ރާއްޖޭން 2020 ވަނަ އަހަރު ސެންޓްރަލް ޒޯނުގެ އަންހެން އަދި ފިރިހެން މުބާރާތް ބޭއްވުމަށް ބިޑްކުރަން ވަނީ ނިންމާފައި،" މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އިންޑޯ ވޮލީބޯޅައިގެ ދެ މުބާރާތް ކުރިއަށްދިޔައީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ޖެނުއަރީ މަހު ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރު ކުޅުނީ މާލޭގަ އެވެ. އަދި އެ އަހަރު މާޗް މަހު ސީނިއާ މެންސް ސެޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ މެޗުތައް އޮތީ ވެސް މާލޭގަ އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވީއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރި ފަހުން ސްޕޯޓްސް މިނިސްޓްރީން ވަނީ ވޮލީ އަށް ގިނަ ފުރުސަތުތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން ސާބިއާގައި ފިރިހެން ވޮލީ ޓީމަށް ޓްރެއިނިން ކޭމްޕެއް ޖެހުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުުރުން އެ ގައުމުން ރާއްޖޭގެ ވޮލީ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ކަންތައްތަކާ ބެހޭ މަޝްވަރާތަކެއްކުރި އެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯނަށް ވޮލީ ޓީމު ތައްޔާރުކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ދައުވަތަކަށް ލަންކާ ގައުމީ ޓީމު މާލެ އައިސް ރާއްޖެއާ ދެކޮޅަށް ތިން މެޗެއް ކުޅުނެވެ.
ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ގޮތުން ރާއްޖޭން ވަނީ 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމަށް ބިޑްކާމިޔާބުކޮށްފަ އެވެ. އަދި ރާއްޖޭން ވަނީ އަންނަ އަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ހޯދައިފަ އެވެ. އަދި ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާގެ ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވާން ބާއްވާ އޭޝިއާ މުބާރާތް ވެސް އަންނަ ސެޕްޓެމްބަރު މަހު އޮންނާނީ މާލޭގަ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވާއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތުދެ އެވެ. އެގޮތުން އައިއޯއައިޖީ އަށް ތަރައްގީކުރާ އިފްރާސްޓްރަކްޗާގެ ވެސް ޕްލޭން އޮތީ މުޅި ރާއްޖޭގެ ފަސް ސަރަހައްދަކަށް ބަހާލެވިފަ އެވެ.