21 އޯގަސްޓް 2019 - 17:51

ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުން އެ ކޮމިޝަނާއި މަޖިލީހާއި އަދި އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް އެ ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ހުށަހަޅާފައިވާ ގޮތަށް ފާސް ކުރުމަށް ފަހު މަޖިލީހަށް ފޮނުވަން މިއަދު ނިންމާފައިވާ ކަމަށެވެ. އެކަމަކު އެ ކޮމެޓީން ނިންމީ ކޮން ގޮތަކަށް ކަން ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
މީގެ އިތުރުން ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމަށް ވެސް މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ސުޕްރީމް ކޯޓުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް އެކުލަވާލި ކޮމެޓީގެ ރިޕޯޓް ޖޭއެސްސީން މަޖިލީހަށް ފޮނުވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުމުން އެ އަމުރު ޖޭއެސްސީން ގަބޫލެއް ނުކުރި އެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ވެސް ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ.