21 އޯގަސްޓް 2019 - 17:56

ނޭޕާލުގެ މައްޗަށް އެ ގައުމުގައި މިއަދު ސީދާ ތިން ސެޓުން ކުރި ހޯދައި އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މިއަދު ދަތުރުކޮށްފި އެވެ.

ރާއްޖެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންނެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިއްޔެ ކިރްގިސްތާން އަތުން ބަލިވީ އެވެ. މި ގްރޫޕުން އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ގޮސްފައިވަނީ ކިރްގިސްތާނެވެ. ނޭޕާލް މިވަނީ ދެ މެޗުން ވެސް ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ނޭޕާލުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރާއްޖޭން ސެޓުތައް ގެންދިޔައީ 25-22، 25-21 އަދި 25-14 އިންނެވެ. މާދަމާ ކުޅޭ ސެމީ ފައިނަލް މެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ގްރޫޕް ބީގެ އެއް ވަނައިގެ ގޮތުގައި ސެމީން ފުރުސަތު ހޯދި އުޒްބެކިސްތާނާ ދެކޮޅަށެވެ. އުޒްބެކިސްތާން ގްރޫޕުގެ ތިން މެޗުން ވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިއަދު ރާއްޖޭން ހޯދި މޮޅަކީ 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ މައްޗަށް ނޭޕާލުން ހޯދި މޮޅުގެ ރަނގަޅު ބަދަލު ހިފުމެކެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި ވެސް ނޭޕާލުން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. މިއަދު ނޭޕާލުގެ ސަޕޯޓަރުން ކޯޓު ވަށައިގެން ތިބެ، އެ ޓީމަށް ހިތްވަރުދީ ރާއްޖެ ހާސްކޮށްލަން އެތައް މަސައްކަތެއް ކުރި ނަމަވެސް އޭގެ އަސަރެއް ރާއްޖެ ޓީމަށް ނުކުރެ އެވެ. އެ އަށް ވުރެ މާ ރަނގަޅަށް ރާއްޖޭން ކުޅުނެވެ.
މި މޮޅާ އެކު ރާއްޖެ އަށް ވަނީ ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް މުބާރާތަށް ފަހު ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ފަހަރު ރާއްޖެ އަށް ލިބުނީ މުބާރާތުގެ ތިން ވަނަ އެވެ.
ރާއްޖޭން ފުރަތަމަ ސެޓު ފަށައިގެން ލީޑުގައި އޮތްއިރު މެޗުގެ ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓްގައި ކުރީގައި އޮތީ 8-3 އިންނެވެ. އެ އަށް ފަހު ރާއްޖޭގެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ގޯސްތަކެއް ހެދުނުއިރު ނޭޕާލުން 10-10 އާއި 11-11 އިން އެއްވަރުކުރި ނަމަވެސް އަލުން ލީޑުނަގައި ރާއްޖޭން ހަމަޖެހިލި އެވެ. އަދި ދެ ވަނަ ޓެކްނިކަލް ޓައިމްއައުޓް އައިއިރު ރާއްޖެ ކުރީގައި އޮތީ 16-12 އިންނެވެ. އޭގެ ފަހުން ވެސް ޕްރެޝަރު ވަގުތު އައިއިރު، ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ވަނީ ރަނގަޅު ވަގުތުގައި ޓައިމްއައުޓް ނަގައި ޓީމު ހަމަޖައްސައިފަ އެވެ. ރާއްޖޭން ސެޓު ގެންދިޔައީ 25-22 އިންނެވެ.
މި މެޗުގައި ޖުމްލަކޮށް ބަލާއިރު ރާއްޖޭން ވަނީ ކިރްގިސްތާން މެޗުގައި ހެދުނު ގިނަ ގޯސްތައް ރަނގަޅުކޮށްފަ އެވެ. ހާއްސަކޮށް ކޯޓަށް ވައްޓާ ބޯޅަތައް ސަލާމަތްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދި އެވެ. މި މެޗުގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އަދި ހަސަން ނިލާމް (ޕާޓޭ) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ކުޅުންތެރިންގެ ބާރު ޝޮޓްތައް ހުއްޓުވަން ނޭޕާލަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ދެ ވަނަ ސެޓު ފަށައިގެން ރާއްޖެ އަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. އަދި ރާއްޖެއާ ދެކޮޅަށް ނިންމުމެއް ދިޔަ ވަގުތެއްގައި ޓީމުގެ މުހައްމަދު އަހުސަން އަށް ރަތް ކާޑެއް ދެއްކި އެވެ. އެކަމަކު ވެސް ރާއްޖޭން ފޯކަސް ގެއްލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށްވީ ނޭޕާލުން އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމެވެ. ރާއްޖޭން މި ސެޓުގައި ލީޑު ލިބުމާ އެކު ފުރުސަތުގެ ބޭނުން ހިފައި ހަމަޖެހިލި އެވެ. އަދި ސެޓު 25-21 އިން ގެންގޮސް މޮޅުވުމާ ގާތަށް ޖެހިލި އެވެ.
ރާއްޖޭން ދެ ސެޓު ގެންދިއުމާ އެކު މެޗު ބަލަން ވަދެ ތިބި ނޭޕާލުގެ ގިނަ ސަޕޯޓަރުންތަކެއް ކޯޓުން ނުކުންނަން ފެށި އެވެ. ތިން ވަަނަ ސެޓު ފަށައިގެން ރާއްޖޭން ކުރީކޮޅުގައި ރަނގަޅު ލީޑެއް ނެގުމާ އެކު ނޭޕާލުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ ހޭން އެބިން ޕްރެޝަރަށް ގޮސް އަތުގައި އޮތް ބޯޑު ވަނީ ބެންޗާ ދިމާލަށް އެއްލާލައިފަ އެވެ. ރާއްޖޭން ބޮޑު ލީޑެއް ނަގައިގެން މި ސެޓުގައި ހަމަޖެހިލައިގެން ކުޅުނެވެ. މި ސެޓުގައި ނޭޕާލުން އެނބުރި މެޗުތެރެއަށް އަންނަން މަސައްކަތްކުރި ވަގުތުގައި ރާއްޖޭގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި ލިބަރޯ މުހައްމަދު ނައީމް (ނައިންޓޭ) ވަނީ ރަނގަޅު ޑިފެންސްތަކެއް ކޮށްފަ އެވެ.
ތިން ވަނަ ސެޓުގައި ރާއްޖޭން ކުރީގައި އޮވެ ސެޓު ނިންމާލުމާ ގާތަށް ދިޔައިރު، ނޭޕާލުގެ ސަޕޯޓަރުން ވެސް އެ ވަގުތު ހިތްވަރު ދިނީ ރާއްޖޭގެ ޓީމަށެވެ. ރާއްޖޭން މި ސެޓު ގެންދިޔައީ 25-14 އިންނެވެ.
މި މުބާރާތަށް ނޭޕާލުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މަން ބަހާދުރު ސިންގް ޓީމަށް ނުނަގަ އެވެ. އޭނާ މިއަދުގެ މެޗު ބަލަން އައިސްހުރިއިރު، ނޭޕާލުގެ ސަޕޯޓަރުން ވަނީ އޭނާއާ އެކު ހުރިކަން ހާމަކޮށްފަ އެވެ. ރާއްޖެ އަތުން އެންމެ ފަހުން ދެ ފަހަރު ނޭޕާލް މޮޅުވިއިރު މަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.