ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު، ދިފާއުގެ ކަންބޮޑުވުން ދައުލަތަށް
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހެކިންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު، ދިފާއުގެ ކަންބޮޑުވުން ދައުލަތަށް

ބްލޮގަރު ޔާމީން ރަޝީދުގެ މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިވެރިންނަށް ބަޔަކު ނުފޫޒުތައް ފޯރުވަމުން އަންނަ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ މިއަދު ބޭއްވި އަޑުއެހުމުގައި، ދުރާލާ އެންގުމެއް ނެތި ހެކިން ހާޒިރު ކުރުމުގައި ދައުލަތުން އަމަލުކުރާ ގޮތާ މެދު ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅު ކުރެއްވުމުން ދައުލަތުން ބުނީ ހެކިވެރިން ހާޒިރު ކުރުމުގައި ގިނަ ދަތިތައް އެބަހުރި ކަމަށެވެ. ހެކިވެރިން ރަށުން ބޭރުގައި ތިބުމުގެ އިތުރުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ހިނގަމުންދާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ނުފޫޒު ފޯރުވަނީ ކޮން ފަރާތަކުން ކަމެއް ދައުލަތުން ނުބުނެ އެވެ.

ދައުލަތުން އެގޮތަށް ބުނުމުން ދިފާއީ ވަކީލުންގެ ފާޑު ކިޔުންތައް ދައުލަތަށް އަމާޒުވި އެވެ. ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ހެކިވެރިންނަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްތޯ ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށާއި އަދި ނުފޫޒު ފޯރުވާ ކަން އެނގޭއިރު ފުލުހުންނަށް އެކަން ނުބެލެނީ ކީއްވެގެންތޯ ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެކިވެރިންނަށް ނުފޫޒު ފޯރުވިކަން މިހާތަނަށް ކޯޓުގައި ހާމަވީ ދައުލަތުގެ މައްޗަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހެކިބަސް ދިނުމާ ބެހޭގޮތުން ދައުލަތުގެ ވަކީލުންތަކެއް ސިއްރު ހެކިވެރިއަކާ ބައްދަލުކުރި ކަން ކުރީގެ އަޑުއެހުމުގައި ހާމަވިކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

ނުފޫޒު ފޯރުވަނީ ކޮން ބައެއްތޯ ބުނެދޭން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި ވިދާޅުވުމަށް ވަކި އެއްޗެއް ނުބުނެ، ދައުލަތުގެ ވާހަކަ އަމާޒުކުރީ ދައުލަތުގެ ވަކީލުންތަކެއް ހެކިވެރިއަކާ ބައްދަލުކުރި ކަމަށް މައުމޫން ވިދާޅުވި ވިދާޅުވުމަށެވެ. ދައުލަތުން ބުނިގޮތުގައި ހެކިވެރިއަކާ ދައުލަތުގެ ވަކީލުން ބައްދަލު ކުރިޔަސް، ވަކި ގޮތަކަށް ހެކިބަސް ދޭން ނާންގާ ކަމަށާއި އެކަމަކީ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މިއަދުގެ އަޑުއެހުމަކީ ދެ ފުލުހެއްގެ ހެކިބަސް ނަގަން ހަމަޖެއްސި އަޑުއެހުމެއް ކަމަށް ވިޔަސް، ހެކިވެރިން ހާޒިރު ކުރުމުގައި ދައުލަތުން އަމަލުކުރާ ގޮތާ މެދު ވަކީލުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ މީހުންގެ ހެކިބަސް އަންނަ ހަފުތާއަށް ވަނީ ފަސްކޮށްފަ އެވެ.

ގިނަ ދިފާއީ ވަކީލުންގެ ކަންބޮޑުވުމަކަށް ވީ ދައުލަތުން ހާޒިރުކުރާ ހެކިންގެ މައުލޫމާތު އަޑުއެހުމުގެ ދެ ދުވަސް ކުރިން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ކޯޓުން ނިންމާފައި ވަނިކޮށް ވެސް އެގޮތަށް ދައުލަތުން އަމަލު ނުކުރާ މައްސަލަ އެވެ. ހާޒިރު ކުރެވޭ ހެކިންގެ މައުލޫމާތު ލިބެނީ އަޑުއެހުން ބާއްވަން އެއް ދުވަހަށް ވުމުން ކަމަށާއި އެގޮތަށް އަމަލު ކުރުމުން ތައްޔާރު ނުވެވޭ ކަމުގެ ޝަކުވާ ވަކީލުން ކުރެއްވި އެވެ. އަދި މިއަދު ހާޒިކުރި ދެ ފުލުހުންގެ ތެރެއިން އެކަކު ގެންނަކަން އަންގާފައި ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ވަކީލް މައުމޫން ހަމީދު ވިދާޅުވީ ދިފާއީ ވަކީލުން ވަކި ވަގުތަކަށް ކޯޓަށް ހާޒިރުވާން ލާޒިމް ކުރާއިރު ހެކިވެރިންގެ ގޮތުގައި ތިބި ފުލުހުން ވަކި އަޑުއެހުމަކަށް ހާޒިރުކުރަން ދައުލަތަށް ނޭންގެނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. ކޯޓުން އަންގާ ދުވަހަކަށް ހާޒިރު ނުކުރެވިއްޖެ ނަމަ، އެ ހެކިން ހާޒިރުކުރަން ދައުލަތުން ބޭނުން ނުވަނީ ކަމަށް ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާ ލިބޭ ޒިޔާދުގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ކޯޓުން އަންގާ އެންގުންތަކަށް އެންމެން ވެސް ތަބާވުން ލާޒިމްވާއިރު، ދައުލަތުގެ ހެކިވެރިން ހާޒިރުކުރަން ކޯޓުން އަންގާ އެންގުންތަކަށް ދައުލަތުން ތަބާނުވާ ކަމަށެވެ. ދައުލަތަށް ވެސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި މަގްބޫލު އުޒުރެއް ނެތި ހާޒިރު ނުވެ ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވޭތުވެދިޔަ ހަ މަސް ދުވަސް ފާއިތުވިއިރު ވެސް ނެގުނީ ދައުލަތުގެ އެންމެ ހަ ހެކިވެރިންގެ ހެކިބަސް ކަމަށާއި އެ މައްސަލަ ލަސްވަނީ ދައުލަތުން އަމަލުކުރާ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުވާލިބޭ ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ޝަރީއަތުގެ ކުރިމަތީގައި ދެ ފަރާތް ވެސް ހަމަހަމަވާން ޖެހޭއިރު އެ މައްސަލާގައި ދައުލަތާއި ދައުވާލިބޭ މީހުން ހަމަހަމަ ވާ މަންޒަރު ނުފެންނަ ކަމަށެވެ. އަޑުއެހުމަށް ހާޒިރު ނުވެއްޖެ ނަމަ ދިފާއީ ވަކީލުން ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުންދާއިރު އެ ވަކީލުންނަށް ހުރި ދަތިތައް ކޯޓުން ނުބަލާ ކަމަށާއި ކޯޓުން ބަލަނީ ހަމައެކަނި ދައުލަތަށް ދިމާވާ ދަތިތަކަށް ކަމަށް ހަސީން ވިދާޅުވި އެވެ.

ލިބިފައި ހުރި ވަސީލަތްތަކުގެ ގޮތުން ބަލާއިރު، ދައުލަތުގެ މުއައްސަސާތަކަކީ އެތައް މުވައްޒަފުންނާއި ވަސީލަތްތައް ލިބިފައިވާ ތަންތަނަށް ވިޔަސް، ދިފާއީ ވަކީލުންނަކީ އެ ހުރިހާ ވަސީލަތްތަކެއް ތިބި ބައެއް ނޫން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ވަކި ހެކިވެރިންތަކެއް ވަކި އަޑުއެހުމަކަށް ގެންނަން ކޯޓަށް ނޭންގޭނެ ކަމަށާއި ހެކިން ހާޒިރު ކުރުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ހެކިން ތިބިއިިރު ކޮންމެ އަޑުއެހުމަކަށް ވެސް ހާޒިރު ކުރެވޭ ހެކިންގެ މައުލޫމާތު އެންމެ ކުޑަމިނުން ދުރާލާ އެއް ދުވަސް ކުރިން އެންގޭތޯ ބައްލަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.