އެމެރިކާ އިން އުފައްދާ ލަޝްކަރުގައި އޮސްޓްރޭލިއާ ބައިވެރިވެއްޖެ
އެމެރިކާ އިން އުފައްދާ ލަޝްކަރުގައި އޮސްޓްރޭލިއާ ބައިވެރިވެއްޖެ

ކެންބަރާ (އޮގަސްޓް 21) - ގަލްފުގެ ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓަން އެމެރިކާ އިން އުފައްދާ ބައިނަލްއަގުވާމީ ލަޝްކަރުގައި އޮސްޓްރޭލިއާ އިން ބައިވެރިވެއްޖެ އެވެ.

މި ލަޝްކަރުގައި މިހާތަނަށް ވަނީ އިނގިރޭސި ވިލާތާއި ބަހުރޭނުން ވެސް ބައިވެރިވެފަ އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން މިއަދު ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓާ ގަލްފުގެ ލަޝްކަރަށް ސިފައިން ފޮނުވުމުގެ އިތުރަށް ސަވައިލެންސް މަތިންދާ ބޯޓަކާއި މަނަވަރެއް ވެސް ފޮނުވާނެ ކަމަށެވެ.

"އޮސްޓްރޭލިއާގެ ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ގައުމީ މަސްލަހަތު އޮތް ކަމެއް،" ކެންބަރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ނިމުމުގެ ކުރިން ޕީ-8އޭ ސަވައިލެންސް މަތިންދާ ބޯޓެއް ގަލްފަށް އެއް މަސް ދުވަހަށް ފޮނުވާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާގެ މަނަވަރެއް ޖެނުއަރީ 2020 ގައި ހަ މަސް ދުވަހަށް ގަލްފަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގަލްފުގައި ދަތުރުކުރާ ބޯޓުތައް ބަލަހައްޓަން ލަޝްކަރެއް އުފައްދަން އުޅޭތީ، އީރާނުން ބުނެފައި ވަނީ އެއީ ވޮޝިންޓަނުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށާއި ގަލްފުގެ ސުލްހަ ބަލަހައްޓާނީ އެ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިދިޔަ މަހު 19 ވަނަ ދުވަހު ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ. އެ ޓޭންކަރު ހިފެހެއްޓީ އީރާނުގެ ތެޔޮ ހުރި ޓޭންކަރެއް ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން އަރައި ހިފަހައްޓާފައި ވަނިކޮށެވެ. އީރާނުގެ ޓޭންކަރު ޖިބްރޯލްޓާ އިން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.