21 އޯގަސްޓް 2019 - 15:19

މާލެ ތަރައްގީކުރުމުގައި ދިމާވާ މައްސަލަތައް ނައިބު ރައީސް ފައިސަލް ނަސީމާ، މާލެ ސިޓީ ކައުންސިލުން މިއަދު ހިއްސާކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކައުންސިލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަސައްކަތްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތް ކަމަށް ކައުންސިލުން ބުނި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިދާރީ ގޮތުންނާއި މާލީ ގޮތުން ދިމާވާ ދަތިތަކުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދަން އުނދަގޫކަން ވެސް ކައުންސިލުން ފާހަގަކުރި ކަމަށް އެތަނުން ބުންޏެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި އެހެން ކައުންސިލަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މާލެ ސިޓީ ކައުންސިލުގެ ބައެއް ބާރުތައް މިދިޔަ ސަރުކާރުން ނެގި ކަމަށާއި، އޭގެ ތެރެއިން ބައެއް ބާރުތައް އެތަނާ ހަވާލުކޮށްފައިވާ ކަން މި ބައްދަލުވުމުގައި ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި މާލެ ތަރައްގީކުރަން ކުރެވިދާނެ ކަންތައްތަކާއި އެ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި ވެހިކަލް ޕާކުކުރުމުގައި މާލެ އަށް ދިމާވެފައިވާ ދަތިތަކާއި މާލެ އަށް އަންނަ ޓޫރިސްޓުން ފަސޭހަކަމާ އެކު ކަންތައް ހަމަޖެހޭނެ ނިޒާމެއް ގާއިމްކުރުން ހިމެނޭ ކަމަށް ވެސް އެތަނުން ބުންޏެވެ.