21 އޯގަސްޓް 2019 - 13:37

މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލެއް އެޅުމަށް ބަޔަކު ހޯދަން އެމްޑަބްލިއުއެސްސީން އިއްޔެ އިއުލާންކޮށްފި އެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން 500 ރުފިޔާ އަށް ބީލަން ފޮތް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީލަން ފޮތަށް ފައިސާ ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހުއްގެ ހެނދުނު 10:00 އިން މެންދުރު 3:00 އަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ސެންޓަރުގަ އެވެ. މި ފޮތް ދޫކުރާނީ މި މަހުގެ 28 ވަނަ ދުވަހު ފެން ބިލްޑިންގެ ފަސްވަނަ ފަންގިފިލާއިންނެވެ.
މި ޕްރޮޖެކްޓަށް ބިޑް ހުށަހަޅާ ފަރާތްތަކަށް ޕްރީ ބިޑް މީޓިން 1 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާކަމަށް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި ޓާމިނަލަކީ އެ ޕާކުގައި މީހުން މަޑުކޮށްލައިގެން ތިބުމަށާއި ފާހާނާ ކުރުމަށް ހަދާ ޓާމިނަލެއް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.