21 އޯގަސްޓް 2019 - 13:03

ޖަކާޓާ (އޮގަސްޓް 21) - އިންޑޮނީޝިއާގެ ވެސްޓް ޕަޕުއާގައި ހަމަނުޖެހުންތައް ބޮޑުވުމުން އިތުރު 1،000 ސިފައިން އެ ޕްރޮވިންސަށް މިއަދު ފޮނުވައިފި އެވެ.

މިދިޔަ ހަފުތާ ބަންދުގައި ޕަޕުއާ ޕްރޮވިންސް އިން ކިޔަވާ ކުދިންތަކެއް ހައްޔަރު ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި އިމާރާތްތަކުގައި ހުޅުޖަހައި އެތައް ގެއްލުމެއް ދީފައިވެ އެވެ.
ރައީސް ޖޮކޯ ވިޑޯޑޯގެ ޗީފް ސެކިއުރިޓީ މިނިސްޓަރު ވިރަންޓޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕަޕުއާ އަށް އިތުރު ސިފައިން ފޮނުވީ ބޮޑު ހަމަނުޖެހުމެއް ހިންގުމަށް އެ ޕްރޮވިންސްގައި ރާވަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.
ހަމަނުޖެހުންތަކުގެ ތެރޭގައި ޕަޕުއާގެ ޖަލެއްގައި އަލިފާން ޖެހުމަށް ފަހު 250 އަށް ވުރެ ގިނަ ގައިދީން ވަނީ ފިލައިފަ އެވެ. ޕަޕުއާގެ ޖަސްޓިސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޖަލުން ފިލި 258 ގައިދީންގެ ތެރޭން އަތުލައިގަނެވިފައި ވަނީ އެންމެ ފަސް މީހުން ކަމަށެވެ. ގައިދީން ފިލުމުގެ ތެރޭގައި ޖަލުގެ މުވައްޒަފުންނަށް ވެސް ވަނީ ހަމަލާދީފަ އެވެ.