މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ފޮނުވައިފި
މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓަރީ ބަޖެޓް މިއަދު ފޮނުވައިފި އެވެ.

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވާތީ އެކަންކަމަށް ބަޖެޓުން ޖާގަ ހޯދުމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ހުރިހާ ޕްރޮގްރާމެއް އެންމެ ފުރިހަމަ އަށް ހިމެނުމަށް ޓަކަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގައި ހުންނަނީ މިހާރު ވެސް ޕްލޭން ކުރެވިފައިވާ މަޝްރޫއުތައް ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި ނަމަވެސް ސަރުކާރުގެ ކޭޝް ފްލޯގައި ދަތިކަމެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ސަބަބަކީ ލަފާކުރި ވަރަށް ވުރެ އިތުރަށް ހިލޭ އެހީ ލިބިފައިވުން ކަމަށް އަމީރު ވިދާޅުވި އެވެ. ބޭރުގެ ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް މިހާތަނަށް 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް އެ ބަޖެޓުން 14.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އަހަރުގެ މިހާ ހިސާބަށް އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.