އެއް މައްސަލައެއް ހައި ކޯޓުން ބަލަމުން ދިޔައީ ދެ ބެންޗަކުން!
އެއް މައްސަލައެއް ހައި ކޯޓުން ބަލަމުން ދިޔައީ ދެ ބެންޗަކުން!

ހައި ކޯޓުގައި އޮތް މަރުގެ މައްސަލައެއް ފަނޑިޔާރުންގެ ދެ ބެންޗަކުން ބަލަމުން ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ސަމާހުގެ މަރުގެ ހުކުމް ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ދެ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، ހައި ކޯޓުގެ ދެ ބެންޗަކުން ބަލަމުންދިޔަކަން ހާމަވީ އޭގެ ތެރެއިން އެއް މައްސަލާގެ އަޑުއެހުން އިއްޔެ ބޭއްވުމުންނެވެ.

އިއްޔެގެ އަޑުއެހުމުގައި އެކަން ހާމަވީ ދައުލަތުން އެ މައްސަލައާ ގުޅިގެން ހުށަހަޅާ ކަންކަމަށް ފުރުސަތު ދިނުމުން، ކުރީގެ އަޑުއެހުމުގައި އެކަންކަން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ބުނުމުންނެވެ. ފަނޑިޔާރުންގެ ބެންޗުން ފުރަތަމަ ވިދާޅުވީ އެ މައްސަލާގެ އެއްވެސް އަޑުއެހުމެއް ކުރިން ބާއްވާފައި ނޯންނާނެ ކަމަށެވެ.

މި މަހު ފަސް ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުން ބޭއްވި ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނަން ފެށުމުން އެންމެ ފަހުން އެކަމުގައި ސުވާލުތަކެއް އުފެދި، އިއްޔެގެ މައްސަލައިގެ އަޑުއެހުން އިތުރަކަށް ކުރިއަކަށް ނުގެންދެ އެވެ.

އެކަމަކު އިއްޔެ ބޭއްވި މައްސަލަ އާއި މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި މައްސަލާގެ ގަޒިއްޔާ ނަމްބަރު މުޅިން ތަފާތެވެ. އިއްޔެ ބޭއްވީ މި އަހަރު ރަޖިސްޓްރީކުރި މައްސަލައެއް ކަމަށް ވިޔަސް، މިމަހުގެ ފަސް ވަނަ ދުވަހު ބާއްވާފައި އޮތީ މިދިޔަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެކެވެ. އެހެންވެ، އެއް މައްސަލައެއް ވަކި ދެ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކަން އެކަމުން އެނގެ އެވެ.

އެނގިފައިވާ ގޮތުގައި އެކަން ދިމާވީ ދައުލަތުން ހުށަހެޅި މައްސަލަ ރަޖިސްޓްރީ ކޮށްފައި ވަނިކޮށް އެރި އިދާރީ އޮޅުމެއްގެ ސަބަބުން ދެވަނަ ފަހަރަށް ވެސް އެ މައްސަލަ ރަޖިސްޓްރީ ކުރެވުމުންނެވެ. މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗް ވެސް ކަނޑައަޅާފައި ވަނިކޮށް ވަކި މައްސަލައެއްގެ ގޮތުގައި އަނެއްކާވެސް އެ މައްސަލަ ރަޖިސްޓްރީ ކުރެވުމުން އޮންނަ އުސޫލުގެ ތެރެއިން ދެވަނަ މައްސަލަ އަށް ވެސް ބެންޗެއް ކަނޑައެޅީ ކަމަށް އެނގިފައިވެ އެވެ.

ފުރަތަމަ ރަޖިސްޓްރީކޮށް، މި މަހު ކުރީކޮޅު ބޭއްވި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.

އިއްޔެ ބޭއްވި މައްސަލާގައި ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝަހީދެވެ. މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަސަން އެވެ.