21 އޯގަސްޓް 2019 - 11:47

މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރަށް އެއް އަހަރު ފުރޭއިރު މި ސަރުކާރުގެ ޓާގެޓް ކަމަށްވާ 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް އަންނާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތަފާސްހިސާބުތަކުން މި މަސައްކަތް ކުރަނީ، ކުރިއަށް މިއޮތް ހަތަރު މަހު ވެސް އިތުރު އެފާޓް ލުމަށް ފަހު މި ސަރުކާރަށް އެއް އަހަރުވާ އިރު [ނޮވެމްބަރު 17 އަށް] 1.5 މިލިއަން ޓޫރިސްޓުން ގެނެވޭތޯ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ އަށް ޕަސެންޓްގެ ކުރި އެރުމެކެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 17.2 ޕަސެންޓްގެ ކުރި އެރުމެކެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ. އެހެން ނަމަވެސް ވަކިވަކި ގައުމުތަކަށް ބަލާ އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. ދެ ވަނަ އަށް އިންޑިޔާ އުޅޭއިރު ތިން ވަނ އަށް އުޅެނީ އިޓަލީ އެވެ. މީގެ އިތުރުން ހަތަރު ވަނަ އަށް އިނގިރޭސިވިލާތް އުޅޭއިރު ފަސް ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނުންނެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުން ބޭތިއްބުމަށް 49،095 އެނދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި ޖުލައި މަހުގެ ނިޔަލަށް 45،983 އެނދު އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މި މުއްދަތުގައި ޓޫރިސްޓުން އެނދު ބޭނުން ކުރާ ނިސްބަތް އުޅެނީ 64 ޕަސެންޓްގަ އެވެ. އަދި އެވްރެޖްކޮށް ރާއްޖޭގައި މިހާރު ޓޫރިސްޓުން 6.3 ދުވަސް ހޭދަކުރެ އެވެ.