21 އޯގަސްޓް 2019 - 10:54

މެޑްރިޑް (އޮގަސްޓް 21) – ޕީއެސްޖީގެ ނޭމާ ގަންނަން ރެއާލް މެޑްރިޑުން އެންމެ ފަހު ފަހަރަށް، ވަރުގަދަ ބިޑެއް ކުރަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕީއެސްޖީ ދޫކޮށްލަން ނޭމާ ނިންމާފައިވީ ނަމަވެސް އެ ކްލަބުން އޭނާ ދޫކޮށްނުލައި ތިބީ ހިތްހަމަޖެހޭ އޮފާއެއް ނާންނާތީވެ އެވެ. އޭނާ އެންމެ ބަދަލުވާން ބޭނުންވާ ބާސެލޯނާ އިން މިހާތަނަށް ކުރި އޮފާތަކާ މެދު ވެސް ޕީއެސްޖީ ހިތްހަމަނުޖެހެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މާލީ ގޮތުން ރެއާލް މެޑްރިޑް އޮތީ ނޭމާ ސޮއިކުރުވަން ބާސެލޯނާ އަށް ވުރެ ރަނގަޅު ހާލަތެއްގަ އެވެ. އެހެންވެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އެ ކްލަބުން ބޮޑު އޮފާއެއް ކުރާނެ ކަމަށްވެ އެވެ.
ބާސެލޯނާ އިން މަސައްކަތްކުރީ ކުޅުންތެރިޔަކާއި ފައިސާ ދީފައި ނޭމާ ގެންނާށެވެ. އެކަމަކު ޕީއެސްޖީން އެއްބަސްނުވީ އެވެ. އެހެންވެ ލުއިސް ސުއަރޭޒް ޔުވެންޓަސް އަށް ވިއްކާލައިގެން ފައިސާ ހޯދައި ނޭމާ ގަންނަން އެ ކްލަބުން ވެސް މަސައްކަތްކުރާ ކަމަށްވެ އެވެ. އަދި ޔުވެންޓަސް އިން ވެސް ނޭމާ އަށް އަދިވެސް ޝައުގުވެރިވާ ކަމަށްވެ އެވެ.
ބާސެލޯނާ ދޫކޮށް މީގެ ދެ އަހަރު ކުރިން 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ އާށް އަނިޔާ އާއި އެހެން މައްސަލަތަކާ ހެދި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. އެހެންވެ އަލުން ޔޫރަޕުގެ ބޮޑު ޓީމަކަށް ބަދަލުވާން ބޭނުންވަނީ އެވެ.