21 އޯގަސްޓް 2019 - 10:52

ގާހިރާ (އޮގަސްޓް 21) – މިސްރު ފުޓްބޯޅަ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ ކުއްލި ވަކިވުމާ އެކު، އިންތިހާބަކާ ހަމަޔަށް އެސޯސިއޭޝަން ގެންދިއުމަށް ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކޮށްފި އެވެ.
މިސްރު ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ހާނީ އަބޫ ރީދާ ކުއްލިގޮތަކަށް އިސްތިއުފާ ދެއްވި މިދިޔަ މަހު އެ ގައުމުގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕުން ދެ ވަނަ ބުރުން މިސްރު ކެޓުމުންނެވެ. އޭނާ ވަކިވެވަޑައިގަތީ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ ވެސް އެކު އެވެ.
ފީފާ އިން ބުނީ ނޯމަލައިޒޭޝަން ކޮމިޓިއަކާ ހަވަލުކުރީ މިސްރު ފުޓްބޯޅަ ފެޑެރޭޝަން ދުވަހުން ދުވަހަށް ހިންގުމަށާއި އާ އިންތިހާބެއް ބޭއްވުމުގެ މެންޑޭޓާ އެކު ކަމަށެވެ. މަސައްކަތް ފުރިހަމަކުރަން ޖެހޭ މުއްދަތަކީ އަންނަ އަހަރުގެ ޖުލައި އެވެ.
ރިދާ މިސްރުގެ އެފްއޭއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޕްރެޝަރު ވެސް ބޮޑުވެފައިވުމުންނެެވެ. އެ ގޮތުން މި ފަހަރުގެ މުބާރާތުގައި އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެން މިސްރުގެ ވިންގް އަމްރު ވަރުދާ ޓީމުން ސަސްޕެންޑް ކުރުމަށް ފަހު އަލުން ޓީމަށް ނަގަން ނިންމުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އަދި މިސްރުގެ ކޯޗަކަށް މިދިޔަ އަހަރު ހަމަޖެއްސި ހަވިއޭ އަގީރޭގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް މިސްރުގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި ޓީމުގެ ތަރި މުހައްމަދު ސަލާހުގެ ބޭނުން އަގީރޭ އަށް ރަނގަޅަށް ނުހިފޭ ކަމަށް މިސްރުގެ ލެޖެންޑް ވައެލް ގޮމާ ވަނީ ބުނެފަ އެވެ.