ޖޭމްސް ބޮންޑްގެ އާ ފިލްމުގެ ނަމަކީ "ނޯ ޓައިމް ޓު ޑައި"
ޖޭމްސް ބޮންޑްގެ އާ ފިލްމުގެ ނަމަކީ "ނޯ ޓައިމް ޓު ޑައި"

މިހާރު ޝޫޓިން ކުރިއަށްދާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ނަމަކަށް "ނޯ ޓައިމް ޓު ޑާންސް" ހަމަޖައްސައި، އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑެނިއެލް ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަސް ވަނަ އަދި ފަހު ފިލްމުގެ ނަމަކީ "ޝެޓަލޭންޑް" އެވެ. ނަމަވެސް އަންނަ އަހަރުގެ އެޕްރީލް 8 ގައި ރިލީޒްކުރާ ފިލްމުގެ ނަމަކީ "ނޯ ޓައިމް ޓު ޑައި" ކަން ޖޭމްސް ބޮންޑްގެ ރަސްމީ ޓްވީޓާގައި ބުންޏެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަމީ މާލިކް، ރާލްފް ފިއެނެސް، ނައޯމީ ހެރިސް، ރޯރީ ކިނިއޭ، ލިއާ ސެޑޫ، ބެން ވިޝޯ، ޖެފްރީ ރައިޓް، ބިލީ މެގްނެސަން، އަނާ ޑި އާމަސް، ޑޭވިޑް ޑެންސިކް، ލަޝާނާ ލީންޗް އަދި ޑަލީ ބެންސެލާ ހިމެނެ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ކެރީ ޖޯޖީ ފުކުންގާ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަބަދު ވެސް ލިބޭ ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމެއް އެންމެ ފަހުން ސިނަމާތަކަށް އައީ 2015 ގަ އެވެ. އެއީ ސޭމް މެންޑޭޒް ޑައިރެކްޓް ކުރި "ސްޕެކްޓާ" އެވެ. ގާތްގަނޑަކަށް 300 މިލިއަން ޑޮލަރިގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 880.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.