20 އޯގަސްޓް 2019 - 15:52

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. މުހަންމަދު ޒާހިރު ހުސެއިން، އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޒާހިރު ވަނީ މީގެ ކުރިން ވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަން ކުރައްވައިފަ އެވެ. އެ ޔުނިވާސިޓީގެ ފުރަތަމަ ޗާންސެލަރަކަށް ހުންނަވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮގަސްޓް 22، 2016 ގައި އޭނާ އެ މަގާމުން ވަކިކުރައްވައި ހަމަޖެއްސެވީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރަކަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި އެޑިއުކޭޝަނާއި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ޒާހިރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ޖުލައި 2015ގަ އެވެ. އެ މަގާމަށް ހަމަޖެއްސެވިއިރު އޭނާ ހުންނެވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރަކަށެވެ.

އައިޔޫއެމްގެ ޗާންސެލަރުކަމުން ޒާހިރު ވަކިކުރުމަށްފަހު އެތަނަށް އައްޔަންކުރެއްވީ، އޭރު ވައިސް ޗާންސެލަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި، އޭރު ވެރިކަން ކުރި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް ނޮވެމްބަރު 15، 2018 ގައި އިސްތިއުފާ ދެއްވުމުން، މިއަދާ ހަމައަށް ވެސް އެ މަގާމު އޮތީ ހުސްކޮށެވެ.
ޑރ. ހަސަން ހަމީދު އެންމެ ފަހުން ހުންނެވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޖުލައި 14، 2011 ގަ އެވެ. ނަމަވެސް ޖުލައި 10، 2015 ގައި ހަސަން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް މިހާތަނަށް ހުންނެވީ، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ޑރ. މުހައްމަދު ލަތީފެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ، ޒާހިރު، އައިޔޫއެމްގެ ޗާންސެލަރަކަށް އައްޔަންކުރެއްވުމުން ޖުލައި 2015ގަ އެވެ.
ދެ ޔުނިވާސިޓީގެ ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މި ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ. މި މަހުގެ 5 ވަނަ ދުވަހު ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން، ރައީސް ބޭފުޅުން އައްޔަންކުރައްވާނީ ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މަގާމަށް އެކަންޏެވެ. ޑެޕިިއުޓީ ވައިސް ޗާންސެލާ އައްޔަންކުރާނީ ޔުނިވާސިޓީގެ ކައުންސިލުންނެވެ.
ޔުނިވާސިޓީގެ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ކުރަންޖެހޭނީ އެކަމަށް ޗާންސެލަރު އައްޔަންކުރާ ވަގުތީ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ހިމެނެނީ ޗާންސެލަރުގެ އިތުރުން ޔުނިވާސިޓީގެ މަގާމުތައް ފުރަމުން އަންނަ ބޭފުޅުންގެ ތެރެއިން ޗާންސެލާ އައްޔަންކުރާ ހަަތަރު ބޭފުޅުންނެވެ.