20 އޯގަސްޓް 2019 - 14:54

ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް މުހައްމަދު ސަމާހަށް އިއްވި މަރުގެ ހުކުމް ކަށަވަރު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހައި ކޯޓުގައި މިއަދު އޮޅުންތަކެއް އަރައިފި އެވެ.
ޖުލައި، 2012 ގައި ކ. ކާށިދޫގައި ޑިއުޓީ އަށް ދަނިކޮށް އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ސުވާސާގޭ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލުގެ ދަށުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައި، ދައުލަތުން ހުށަހަޅާ ކަންކަމަށް ފުރުސަތު ދިނުމުން ދައުލަތުން ބުނީ ކުރީގެ އަޑުއެހުމުގައި އެކަންކަން ހުށަހަޅާފައިވާނެ ކަމަށާއި އެ އަޑުއެހުމުގައި ސަމާހުގެ ފަރާތުން ވަކީލަކާ އެކު ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދުމުން އެ އަޑުއެހުން ނިންމާލީ ކަމަށެވެ.
އެކަމަކު އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހަސަން އަލީ ވިދާޅުވީ އެ މައްސަލާގެ އެއްވެސް އަޑުއެހުމެއް ކުރިން ބޭއްވިކަން އެ ކޯޓުގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރުން ތިއްބަވައިގެން އެ މައްސަލާގެ އެއްވެސް އަޑުއެހުމެއް ކުރިން ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ފަނޑިޔާރު ހަސަން ވިދާޅުވި އެވެ.
ސަމާހުގެ އިތުރު މައްސަލައެއް ހައި ކޯޓުގައި ހިނގަމުން ދަނީތޯ ބެންޗުން ސުވާލު ކުރުމުން ސަމާހު ބުނީ އޭނާގެ އިތުރު މައްސަލައެއް ހައި ކޯޓުގައި ނޯންނާނެ ކަމަށެވެ. ސަމާހު ވެސް ބުނީ ވަކީލަކާ އެކު ޖަވާބުދާރީވުމުގެ ފުރުސަތަކަށް ކުރީގެ އަޑުއެހުމުގައި އެދުމުން 10 ދުވަހުގެ މުއްދަތެއް އެކަމަށް އޭރު ކޯޓުން ދިން ކަމަށެވެ.
ވަކީލު މިހާރު ކޮބައިތޯ ސުވާލު ކުރުމުން ސަމާހު ބުނީ ވަކީލު މިއަދު ހާޒިރުނުވާ ކަމަށެވެ. އެކަމަކު އޭނާ އަދިވެސް ބޭނުންވަނީ ވަކީލަކާ އެކު ކުރިއަށް ގެންދަން ކަމަށް ސަމާހު ބުންޏެވެ.
ދައުލަތުން ބުނިގޮޮތުގައި އެ މައްސަލާގެ އަޑުއެހުމެއް ކުރިއަށް ގެންދިޔައީ މިމަހުގެ ކުރީކޮޅު އެވެ.
އޭރު އެ މައްސަލަ ބެލީ ހައި ކޯޓުގެ ކޮން ސެކްޝަނަކުންތޯ ބެންޗުން ސުވާލު ކުރުމުން ދައުލަތުން ބުނީ އެއީ ކޮން ސެކްޝަނެއް ކަން މިހާރު ބުނަން ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ހައި ކޯޓުން ކުރިން ކުރިއަށް ގެންގޮސްފައިވާ ކަން ނުވަތަ ނޫންކަމާ މެދު ސުވާލު އުފެދުމުން ފަނޑިޔާރުންގެ ބެންޗުން ނިންމީ އެކަންކަން ސާފު ކުރުމަށްޓަކައި އަޑުއެހުން މިއަދު ކުރިއަށް ނުގެންދިއުމަށެވެ. އެކަމަކު މިހާރު އެ މައްސަލަ ބަލާ ބެންޗުން މީގެކުރިން އެ މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ބުންޏެވެ.
ހައި ކޯޓުން ހުރިހާ މައްސަލައެއް ވެސް ފެށިގެންގޮސް ނިމެންދެން ބަލާނީ އެއް ބެންޗަކުންނެވެ. އަދި ބެންޗަށް ބަދަލެއް އައި ނަމަވެސް މައްސަލަ ކުރިއަށް ގެންދާނީ ކުރިން އެ މައްސަލައެއް ގޮސްފައި އޮތް ހިސާބުން ފެށިގެންނެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަންގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހަސަން އެވެ.