ދިރިއުޅުމުގެ ހާލަތު ބަލާނެ އުސޫލް ވަރަށް އަވަހަށް ކޮމިޓީއާ ހަވާލުކުރާނަން: މިނިސްޓްރީ
ދިރިއުޅުމުގެ ހާލަތު ބަލާނެ އުސޫލް ވަރަށް އަވަހަށް ކޮމިޓީއާ ހަވާލުކުރާނަން: މިނިސްޓްރީ

ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓުގެ ހައްގުވެރިން ކަނޑައެޅުމަށް އެކުލަވާލަމުން އަންނަ އުސޫލު ވަރަށް އަވަހަށް ފްލެޓް ކޮމިޓީއާ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ހައުސިން މިނިސްޓްރީން މިންގަނޑެއް އެކުލަވާލާފައި އޮވެ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ކުރިން އެކުލަވާލާފައިވާ އުސޫލަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށެވެ. އެކަން ނިމުނުހާ އަވަހަކަށް އެ މިންގަނޑު ކޮމިޓީއާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން އެ މިންގަނޑަށް ބަދަލު ގެނެސް ހަރުދަނާ އުސޫލެއް އެކުލަވާލަމުން އަންނަނީ މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން އެދިގެންނެވެ. އެ ކޮމިޓީ އުފެއްދީ ކުރީގެ ސަރުކާރުގައި ފްލެޓްތައް ދޫކުރީ އިންސާފުން ބޭރުގައި ކަމަށް ބުނެ ކުރަމުން ދިޔަ ޝަކުވާތަކާ ގުޅިގެން އެ މައްސަލަތައް ބެލުމަށެވެ.

ހިޔާ މަޝްރޫއުގައި ޕޮއިންޓް ދޭ އުސޫލު ކުރީގެ ސަރުކާރުން އާއްމުކުރި އިރު ދިރިއުޅުމުގެ ހާލަތަށް ބައެއް ކެޓަގަރީތަކުގައި 30 ޕޮއިންޓް ލިބެ އެވެ. އެކަމަކު އެ މަޝްރޫއުގައި 22،000 ފޯމު އިވެލުއޭޓްކޮށް، ފްލެޓް ލިބޭ 7،000 މީހުން ހައުސިން މިނިސްޓްރީން އިއުލާން ކުރީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ނުގޮހެވެ. އެހެންކަމުން އެ 30 ޕޮއިންޓް ދިން އުސޫލު ސާފެއް ނޫނެވެ.

ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ދިރިއުޅުމުގެ ހާލަތު ބަލާނެ އުސޫލެއް ހަމަޖައްސަން އެދުނީ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅެން އޮތީ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެން ކަމަށް ވާތީ އެވެ. ހިޔާ މަޝްރޫއުގެ ހާލަތު ބަޔަށް މާކްސް ދޭނެ މިންގަނޑު އެކުލަވާލައި ފޮނުވުމުން ގޭގެއަށް ޒިޔާރަތް ކުރަން ފަށާނެ ކަމަށް ވެސް ކޮމިޓީން ވަނީ ބުނެފަ އެވެ.

ފްލެޓް ކޮމިޓީގެ ޒިންމާއަކީ ތިން މަޝްރޫއަކުން ފްލެޓް ދޫކުރި ގޮތް ބެލުމެވެ. އެއީ ގުޅީފަޅާއި ގެދޮރުވެރިކަމުގެ އިތުރުން ހިޔާ މަޝްރޫ އެވެ. މީގެ ތެރެއިން އަމިއްލަ ކުންފުންޏަކުން ތަރައްގީކުރި ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ދިމާވި މައްސަލަތައް ބަލައި ރިޕޯޓެއް އެ ކޮމިޓީން ވަނީ އެކުލަވާލައިފަ އެވެ. އޭގައި ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން ނިންމާފައި ވަނީ އެ ފަރާތްތަކަށް ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށެވެ.

މި މަސައްކަތަށް ފަހު މިހާރު ބަލަމުން އަންނަނީ ހިޔާ މަޝްރޫއުއަށް ހުށަހަޅާފައިވާ ފޯމުތަކެވެ. މަސައްކަތް ލަސްވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

އެކަމަށް ޖަވާބު ދެއްވަމުން ކޮމިޓީގެ މެމްބަރަކު "މިހާރު"އަށް ވިދާޅުވެފައި ވަނީ ތިން މަޝްރޫއެއްގެ ފޯމުތައް ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ހިޔާ މަޝްރޫ އަށް އެކަނި ބެލިއަސް އެއީ 22،000 ފޯމު ކަން ފާހަގަކުރައްވައި ވިދާޅުވީ އެންމެ ފޯމެއް ވެސް ނުބަލައި ކޮމިޓީން ދޫކޮށް ނުލާނެ ކަމަށެވެ.