20 އޯގަސްޓް 2019 - 12:09

ހޮލިޑޭ އިން ރިޒޯޓް ކަނޑޫމާ މޯލްޑިވްސްގެ މުވައްޒަފުންގެ މެދުގައި ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވާ ކުޅިވަރު ހަރަކާތް "މިނީ އޮލިމްޕިކްސް" ގެ މި އަހަރުގެ އިވެންޓް ފަށައިގެން ފޯރިއާ އެކު ކުރިއަށްއެބަދެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ހުޅުވައިދެއްވި މި ކުޅިވަރު ހަރަކާތް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މާލޭ އަތޮޅުގައި، 370 އެއްހާ މުވައްޒަފުންނާ އެކު އޮޕަރޭޓްކުރާ މި ރިޒޯޓުގެ ހުރިހާ މުވައްޒަފުންނަށް ބައިވެރިވެވޭ ގޮތަށް އޮންނަ މި މިނީ އޮލިމްޕިކްސްގައި 13 ޓީމު އިވެންޓާއި ހަތް އިންޑިވިޖުއަލް އިވެންޓް އަދި ހަ ފަން ގޭމް އިވެންޓް އޮވެ އެވެ.

އެ ރިޒޯޓުގެ އޮފިޝަލަކު ބުނީ މިދިޔަ 10 އަހަރު ވެސް އެހާމެ ކާމިޔާބުކަމާ އެކު ބޭއްވި މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މުވައްޒަފުން މޯޓިވޭޓްކުރުން ކަމަށެވެ.
'ކޮންމެ އަހަރަކު ވެސް މުވައްޒަފުން ވަރަށް ބޮޑަށް ލުކްފޯވާޑް ކުރޭ މި އިވެންޓަށް. އަޅުގަނޑުމެން ދެކޭ ގޮތުގައި މުވައްޒަފުންނަށް އޮންނަން ޖެހޭނީ ހަމައެކަނި މަސައްކަތެއް ނޫން. ކުޅިވަރުތައް ކުޅެލައި އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން ވެސް ފުރުސަތު ލިބެން ޖެހޭނެ،" އޭނަ ބުންޏެވެ.
ދެ ހަފުތާގެ މުއްދަތަކަށް މި ހަރަކާތް އިންތިޒާމްކުރަނީ ވެސް މަސައްކަތަށް ބުރު ނާރާނެހެން، ހުރިހާ މުވައްޒަފުންނަށް ވެސް ބައިވެރިވެވޭ އިވެންޓް ގޮތަށް ކުރިއަށް ގެންދިއުމަށެވެ.
މިނީ އޮލިމްޕިކްސްގެ ޓީމު އިވެންޓުގައި ހިމެނޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓްސަލް، ބައިބަލާ، ކްރިކެޓް، ބާސްކެޓްބޯލް، ވޮލީބޯޅަ، ވާދެމުން، ބެޑްމިންޓަން، ޓީޓީ، ޕޫލް، ގާލެންޑޯ، ބަށި ފާހަގަކުރެވެ އެވެ. އިންޑިވިޖުއަލް ބައިގައި ފެތުމާއި ދުވުމާއި ކެރަމް އާއި ޗެސް އާއި ޑާޓް އަދި ޓީވީ ގޭމް ވެސް ހިމެނޭއިއިރު ފަން ގޭމްތަކެއް ވެސް ކުރިއަށްދާނެ އެވެ.