20 އޯގަސްޓް 2019 - 11:56

ކުއާލަ ލަމްޕޫރު (އޮގަސްޓް 20) - "ގައުމީ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ" ގޮތުގައި ކަމަށް ބުނެ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް މެލޭޝިއާގައި ތަގްރީރު ކުރުން މަނާކޮށްފި އެވެ.
ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް ދާދި ފަހުން ވިދާޅުވި ބަސްތަކަކާ ގުޅިގެން އޭނާ އަށް ވަނީ ފިއްތުންތައް ކުރިމަތިކުރަން ފަށައިފަ އެވެ. ޒާކިރު ނައިކް ވިދާޅުވެފައި ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ "މެހުމާނުންތަކެއް" ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ.
"ޒާކިރު ނައިކުގެ ތަގްރީރުތައް ހުއްޓުވުމުގެ ހުއްދަ ފުލުހުންގެ ހުރިހާ ކޮންޓިންޖެންޓްތަކަށް ވަނީ ދީފައި. އެއީ ގައުމީ ސަލާމަތާއި ނަސްލީ ހަމަޖެހުން ގާއިމްކުރަން އަޅާ ފިޔަވަޅެއް،" ފުލުހުންގެ ހެޑް އޮފް ކޯޕަރޭޓް ކޮމިނިއުކޭޝަންސް އަސްވަތީ އަހުމަދު ވިދާޅުވި އެވެ.
މި މަހު 3 ވަނަ ދުވަހު ޒާކިރް ނައިކް ކުރެއްވި ކޮމެންޓްތަކާ ގުޅޭ ގޮތުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އޭނާގެ ވާހަކަތަކުގެ މާނަ އޮޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ޒާކިރް ނައިކް، 53، އަށް މެލޭޝިއާ އިން ވަނީ ޕާމަނަންޓް ރެސިޑެންސީ ދީފަ އެވެ.
ޒާކިރު ނައިކް މެލޭޝިއާ އިން ޑިޕޯޓްކޮށްލުމާ ގުޅޭ ގޮތުން ކެބިނެޓުގައި ބައެއް މިނިސްޓަރުން ވަނީ މަޝްވަރާކޮށްފަ އެވެ. މެލޭޝިއާ ފުލުހުން ބުނީ ޒާކިރް ނައިކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭނާއާ ގުޅޭ ގޮތުން 115 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޒާކިރް ނައިކް ދެއްކެވި ވާހަކަތަކާ ގުޅިގެން މެލޭޝިއާ ފުލުހުން އޭނާއާ އިއްޔެ ވަނީ ސުވާލުކޮށްފަ އެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޒާކިރް ނައިކް އަށް ޕާމަނެންޓް ރެސިޑެންސީ ދީފައި ވަނީ މެލޭޝިއާގެ ކުރީގެ ސަރުކާރުންނެވެ. އިންޑިއާ އިން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އޭނާ ނިއު ދިއްލީއާ ހަވާލު ކުރުމަށް މެލޭޝިއާގައި އެދިފަ އެވެ. މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޒާކިރް ނައިކް އިންޑިއާ ދޫކުރައްވާ ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ ޒާކިރު ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން އިންޑިއާ އިން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.