21 އޯގަސްޓް 2019 - 08:58

ސްމާޓްފޯނާއި ޓެބްލެޓާއި ލެޕްޓޮފް ފަދަ ޑިވައިސްތައް ބޭނުން ކުރާ އިރު، އޭގައި ޓައިޕްކުރާ އަޑުން ވެސް ހެކަރުން ޕާސްވޯޑް ދެނެގެންފާނެ ކަމަށް އެމެރިކާގެ ޓެކްސަސްގެ ސަދަން މެތަޑިސްޓް ޔުނިވަސިޓީ (އެސްއެމްޔޫ) އިން ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ.

ދިރާސާގައި ބުނީ ސްމާޓްފޯންތަކުގެ މައިކްރޮފޯނުގެ އެހީގައި، މީހާ ކޮންމެ ތާކު ހުރެެގެން ޑިވައިސްއެއް ބޭނުން ކުރިޔަސް، އެ މީހަކު ޓައިޕްކުރާ އަޑު އަހައިގެން ހެކަރުން ޕާސްވޯޑް ފޭރިގަތުމަކީ މިހާރު އެހާ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
ދިރާސާގައި ބުނީ ޓައިޕްކުރާ އިރު، ކީބޯޑްގެ ފިތްތަކުގެ އަޑުން އިވޭ ބަޑިތައް އަޑު އަހައިގެން ޕާސްވޯޑްގެ އިތުރުން މީސްމީހުންގެ އީމެއިލާއި މެސެޖްތައް ވެސް ހެކަރުން ދަމައިގަންނަ ކަމަށެވެ. އެހެންވެ، ޑިވައިސްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމަށް ބުންޏެވެ.
"މިއިން ދައްކުވައިދޭ އެއް ކަމަކީ ވަކިން ހާއްސަ ސްމާޓްފޯނުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ޖެހޭކަން. މިފަދަ ޑިވައިސްތަކުގެ ސެންސާތަކަށް އެކްސެސްވެވޭ ކަހަލަ ބާގަނޑުތައް ހުރުމަކީ ޑިވައިސްތައް ބޭނުންކުރާ މީހުންގެ ޕްރައިވެސީ އަށް ބޮޑު ނުރައްކަލެއް،" އެސްއެމްޔޫގެ އެސިސްޓަންޓް ޕްރޮފެސަރު އެރިކް ލާޒަން ވިދާޅުވި އެވެ.
ދާދި ފަހުން ވަނީ ސްމާޓް ޑިވައިސްތަކުގެ ޗާޖިން ކޭބަލް ބޭނުންކޮށްގެން ވެސް ޒާތީ މައުލޫމާތު ވަގަށް ނެގިދާނެކަން ހާމަވެފަ އެވެ.