އަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަ ދައްކަން ފަށައިފި
އަނެއްކާވެސް ވަރުންގެ ކައިވެނީގެ ވާހަކަ ދައްކަން ފަށައިފި

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން މި އަހަރު ކައިވެނިކޮށްފާނެ ކަމަށް ބުނާ ވާހަކަތަކުގެ އަޑު މިދިޔަ އަހަރުން ފެށިގެން މަޑެއް ނުވެ އެވެ. މި ދޭތެރެ އިން އެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އޭރު އޭނާ ބުނެފައިވާ ގޮތުގައި ވަރުން ފިލްމީ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅޭތީ މި އަހަރަކީ ދަރިފުޅު ކައިވެނި ކުރާނެ އަހަރެއް ނޫނެވެ.

އެކަމަކު މީޑިިއާތަކުން މިހާރު ދައްކަނީ އެހެން ވާހަކައެކެވެ. ގިނަ މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ކުރިން ވެސް ޕްލޭންކޮށްފައި އޮތް ގޮތަށް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ވަރުން ކައިވެނިކުރާނެ އެވެ. އަދި ކުރިން ނޮވެމްބަރު 8 ގައި ރިލީޒްކުރަން އޮތް ފިލްމު "ސްޓްރީޓް ޑާންސާ" ވެސް އަންނަ އަހަރުގެ ޖެނުއަރީ އަށް ފަސްކުރީ ކައިވެންޏަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.

ވަރުންގެ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ވަރުން، 32، އާއި ލޯބިވެރިޔާ ނަތާޝާ ދަލާލު، 29، ނޮވެމްބަރު މަހު ކައިވެނި ކުރާނެ ކަމަށެވެ. އަދި އެ ހަފުލާ އޮންނަނީ އިންޑިއާ އިން ބޭރުގަ އެވެ. މާނައަކީ ބޮލީވުޑްގެ މަޝްހޫރު ބައެއް އެހެން ތަރިންތަކެއްގެ ކައިވެނި ހަފުލާތަކެކޭ އެއްގޮތަށް ވަރުން އާއި ނަތާޝާގެ ކައިވެނި ވެސް ވާނީ ޑެސްޓިނޭޝަން ވެޑިއަންއަކަށެވެ.

ނޫސްތަކުން ބުނާ ގޮތުގައި މި ކައިވެންޏަށް ދެ ފަރާތުގެ އާއިލާ އިން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. އެކަމަކު ކައިވެނި ކުރާނެ ތާރީހަކާއި ހަފުލާ އޮންނާނެ ގައުމެއް އެއްވެސް ނޫހަކުން ހާމައެއް ނުކުރެ އެވެ.

ވަރުން މި ވަގުތު އުޅެނީ ބައްޕައާ އެކު ތައިލެންޑްގައި ފިލްމު "ކޫލީ ނަމްބަރު 1" ގެ ޝޫޓިންގަ އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ މެއި 1 ގައި ރިލީޒްކުރާ ފިލްމެކެވެ. "ސްޓްރީޓް ޑާންސާ" އަކީ މިހާރު އަންނަ އަހަރުގެ ޖެނުއަރީ 24 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.