މިއީ އައިފޯނުގެ އެންމެ ޑިމާންޑް ބޮޑު ފަހަރު، ސްޓޮކް 100 ޕަސެންޓަށް ވުރެ އިތުރުކޮށްފި
މިއީ އައިފޯނުގެ އެންމެ ޑިމާންޑް ބޮޑު ފަހަރު، ސްޓޮކް 100 ޕަސެންޓަށް ވުރެ އިތުރުކޮށްފި

އައިފޯނު 7 އަދި އައިފޯން 7 އެސްގެ ޑިމާންޑް އެތައް ގުނައެއް ބޮޑުވެ، ރާއްޖޭގައި ވިއްކަން ގެންނަ ސްޓޮކް ކުރިއަށް ވުރެ 120 ޕަސެންޓް އިތުރުކޮށްފައިވާ ކަމަށް ސޮފްޓްޓަޗް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އެޕަލްގެ ރީޖަނަލް ޑިސްޓްރިބިއުޓަރު ސޮފްޓްޓަޗް ޑިރެކްޓަރު މުހައްމަދު ރިފާއު ވިދާޅުވީ އެ ކުންފުނިން ގެންނަ ސްޓޮކްގެ 98 ޕަސެންޓް މިހާރު ވިކިފައިވާ ކަމަށެވެ. އެ ސްޓޮކް ވިއްކާފައި ވަނީ އުރީދޫ އަށާއި ދިރާގު އަދި މޮބައިލް ފޯނު ވިއްކާ އެހެން ފިހާރަތަކަށެވެ.

"ޑިމާންޑް ބޮޑުވެފައިވާ މިންވަރު އަޅުގަނޑުމެންނަށް އެނގިއްޖެ ދިރާގުން ޕްރީއޯޑާއަށް ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް އޯޑަރު ނެގުން ހުއްޓާލުމުން. ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު ފޯނު ޑިވައިސްއަކީ އެޕަލް،" ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބާޒާރަށް ނެރުނު އައިފޯނު 7 އަދި އައިފޯނު 7 ޕްލަސްގެ ދެވަނަ ބުރުގެ ލޯންޗިން މި މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ވެސް އޮންނާނެ ކަމަށެވެ. އަދި އެ ދުވަހު ވިއްކަން ގެންނަ ސްޓޮކް މިހާރު މާލެ ގެންނަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކަސްޓަމަރުން ބޭނުންވާ މިންވަރަށް ފޯނު ރާއްޖެ ގެންނަން. އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރުން އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ސޮފްޓްޓަޗް އިން ރާއްޖޭގައި އައިފޯން ވިއްކަނީ ދިރާގުގެ އިތުރުން އުރީދޫ އަދި އެޕަލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ ހުއްދަ އޮންނަ އެޑްއޮން، އެލް މޮބައިލް، އެސްޓާސް އަދި ފޯކަސް ކޮމްޕިއުޓާސް މެދުވެރިކޮށެވެ.

އައިފޯން 7 ގެ އަގުތައް ފެށޭނީ ޖީއެސްޓީ ނުލާ 14،500ރ. އިން ކަމަށް ވެސް ސޮފްޓް ޓަޗުން ބުނެފައިވެ އެވެ.

މި މަހުގެ 7 ގައި އެމެރިކާގައި ދައްކާލި އައިފޯންގެ އާ ވައްތަރު އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުގައި މިދިޔަ ހުކުރު ދުވަހު ވިއްކަން ފެށިއިރު، ރާއްޖެ ހިމެނެނީ ދެވަނަ ބުރުގައި އައިފޯން ނެރޭ ގައުމުތަކުގެ ތެރޭގަ އެވެ.

އައިފޯން 7 އާއި 7 ޕްލަސްގައި އެޕަލް އިން ވަނީ ގިނަ އާ ކަންތައްތަކެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ޕްލަސްގައި ހަރުކޮށްފައިވާ ދެ ލެންސް ހިމެނޭ ކެމެރާ އާއި ދެ ސްޕީކަރު ހިމެނޭ ސްޓީރިއޯ ސައުންޑް ސިސްޓަމާއި ވަޔަލެސްކޮށް ހެޑްފޯނު ގުޅުމާއި ފެން ނުވަނުން ހިމެނެ އެވެ. އަދި ކުރިއަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވައި ސްކްރީން ވެސް ވަނީ މިހާރު ބާޒާރުގައި ހުރި އައިފޯނަށް ވުރެ 25 ޕަސެންޓް އަލިގަދަ ކޮށްފަ އެވެ.