20 އޯގަސްޓް 2019 - 11:23

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ސިލްސިލާ ރޯޑް ޝޯ "ޖާނީ ޓު ދަ ސަނީ ސައިޑް" ސްވިޓްޒަލެންޑުގައި ފަށައިފި އެވެ.
މާދަމާގެ ނިޔަލަށް ސްވިޓްޒަލެންޑުގެ ބެސެލް އާއި ޒިއުރިކް އަދި ޖެނީވާގައި ބާއްވާ މި ރޯޑް ޝޯ އަކީ މި ސިލްސިލާގެ ފަސްވަނަ ރޯޑް ޝޯ އެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހަ ކުންފުންޏަކުން މި ރޯޑް ޝޯގައި ބައިވެރިވެ އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ރޯޑް ޝޯގެ މަގްސަދަކީ ސްވިޓްޒަލެންޑުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް އެ ގައުމުގައި ރާއްޖެ ތަމްސީލް ކުރުން ކަމަށެވެ. އެގޮތުން އެހެން ރޯޑް ޝޯތަކެކޭ އެއްފަދައިން މި ރޯޑް ޝޯގައި ވެސް ބައިވެރިވާ ފަރާތްތަކަށް ސުވިޓްޒަލެންޑުގެ އޮޕްރޭޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ސިޓީއަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޗުއްޓީތައް ސްޕޮންސާކޮށްފައި ވަނީ ލަކްސް ނޯތު މާލެ އެޓޮލް އާއި ލަކްސް ސައުތު އަރި އެޓޮލްގެ އިތުރުން ޔޫ އެންޑް މީ ބައި ކޮކޫންނެވެ.
ސްވިޓްޒަލެންޑުގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން މަސައްކަތް ކުރަމުން އަންނައިރު މި އަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.9 ޕަސެންޓް އިތުރުވެފަ އެވެ. މި އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ "ޖާނީ ޓު ދަ ސަނީ ސައިޑް" ސިލްސިލާ ރޯޑް ޝޯ އަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފަ އެވެ.