20 އޯގަސްޓް 2019 - 10:54

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި ހަދަން އުޅުނު 100 އެނދުގެ ހޮޓަލާ ގުޅޭ ކަންކަމަށް ކުރި ހަރަދު ދެނެގަތުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
މި ހޮޓާ ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީޑީސީއާ ހަވާލުކުރީ ފެބްރުއަރީ 27، 2007 ގަ އެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ކުރިއަށް ނުގެންދެވި އެންމެ ފަހުން ޖުލައި 21، 2015 ގައި ވަނީ އެ އެގްރީމެންޓް އުވާލައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ އަދި ގުދުރަތީ ރީތިކަން ވެސް އޮތް އުލިގަމުން އެމްޓީޑީސީއަށް 36 ހެކްޓަރުގެ ބިން، ޓޫރިޒަމްގެ ތަރައްގީއަށް ދޫކުރި އެވެ.
އެމްޓީޑީސީން އެކި ފަހަރު، އެކި ގޮތަށް ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދަން އުޅުނެވެ. އެކަމަކު މުޅި މަޝްރޫއު ނާކާމިޔާބުވެ، ހުއްޓާލި އިރު، ނަމޫނާ އެއް ކޮޓަރި އާއި މުވައްޒަފުންގެ އެކޮމޮޑޭޝަނަށް ބޭނުންވާ ބައެއް އިމާރާތްތައް ހެދުން ފިޔަވައި އިތުރު މަސަައްކަތެއް ކުރިއަކަށް ނުގެންދެ އެވެ.
އުލިގަމަށް ގެންދިޔަ އެތައް ޓަނެއްގެ ސިމެންތި ހަލާކުވެ، ދަގަނޑު ފަދަ ސާމާނު ދަބަރަށް ވި އެވެ.
އެމްޓީޑީސީން އުލިގަމުގައި ތަރައްގީ ކުރަން އުޅުނު ހޮޓަލަށް 16.5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އޭރު ލަފާކުރި އެވެ. މަސައްކަތް ހުއްޓާލި އިރު އެމްޓީޑީސީން ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު ހޭދަކުރި ކަމަށް ވެ އެވެ.
އެމްޓީޑީސީން އުލިގަމަށް ކުރި ހަރަދު ދެނެގަތުމަށް، ކުއަންޓިޓީ ސާވެޔަރެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ޓޫރިޒަމްގެ މަންފާ އާންމު ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އުފެއްދި އެމްޓީޑީސީއަށް، ރިސޯޓް ތަރައްގީކުރަން ނުވަ ރަށް ދިނެވެ. އޭގެ ތެރެއިން ހަތަރު ރަށެއްގެ އެގްރީމެންޓް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. ތިން ރަށެއް ސަބްލީޒްކޮށްފައިވާ އިރު އެއް ރަށް ވަނީ، ރިސޯޓް ހެދުމަށް ފަހު، ވިއްކާލައިފަ އެވެ. އިތުރު ރަށެއް ތަރައްގީކުރަން އިންވެސްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ އެންމެ 1.5 މިލިއަން ޑޮލަރެވެ.