މިއުޒިކް ޑައިރެކްޓަރު ޚައްޔާމް މަރުވެއްޖެ
މިއުޒިކް ޑައިރެކްޓަރު ޚައްޔާމް މަރުވެއްޖެ

ހިންދީ ސިނަމާގައި ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ފަނޑުވުމެއް ނެތް އެތައް ލަވައެއް ގެނެސްދިން ކުރީގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު މުހައްމަދު ޒަހޫރު ޚައްޔާމް ހާޝިމީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އުމުރުން 92 އަހަރުގެ ޚައްޔާމް މަރުވީ މިދިޔަ ހަފުތާގައި ހާލު ދެރަވެގެން މުމްބާއީގެ ސުޖޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

އޭނާގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު ހިތާމަފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރް ހިމެނެ އެވެ.

ޚައްޔާމް މިއުޒިކް ތައްޔާރުކޮށް ދިން މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ކަބީ ކަބީ"، "އުމްރާއޯ ޖާން"، "ޝޯލާ އޯރް ޝަބްނަމް" "ތުރިޝޫލް" އަދި "ނޫރީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. ޙައްޔާމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވައިގެ ތެރެއިން އެހުންތެރިންގެ މެދުގައި އެންމެ މަޝްހޫރު އެއް ލަވައަކީ ޔާޝް ޗޯޕްޅާ ޑައިރެކްޓް ކުރި 1976 ގެ ފިލްމު "ކަބީ ކަބީ" ގެ "ކަބީ ކަނީ މެރެ ދިލް މޭ ޚަޔާލު އާތާ ހޭ" އެވެ.

އުމުރުން އެންމެ 17 އަހަރުގެ މިއުޒިކް ކެރިއަރު ބިނާކުރި ޚައްޔާމް ވަނީ ފިލްމުތަކުގެ އިތުރުން ބައެއް ފަންނާނުންގެ އަލްބަމްތަކަށް ވެސް އެތައް ލަވައެއް ހަދައިފަ އެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ޚައްޔާމް އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އަށް ކޮށް ދިން ހިދުމަތްތަކުގެ އަގުވަޒަންކޮށް ސަރުކާރުން އޭނާ އަށް 2011 ވަނަ އަހަރު ޕަދުމާ ބުޝަން އެވޯޑް ވެސް ދީފައިވެ އެވެ.