19 އޯގަސްޓް 2019 - 19:41

އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނޭ ގްރޫޕުގެ އަނެއް ދެ ޓީމު ކުޅުނު މެޗުން މުބާރާތް ބާއްވާ ގައުމު ނޭޕާލުގެ މައްޗަށް ސީދާ ތިން ސެޓުން ކިރްގިސްތާން ކުރިހޯދައިފި އެވެ.
މި މޮޅާ އެކު ކިރްގިސްތާނުން ވަނީ ތިން ޕޮއިންޓް ހޯދައި ސެމީގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މާދަމާ މާލެ ގަޑިން އިރުއޮއްސި 6:15 ގައި ރާއްޖެއާ ދެކޮޅަށް ކުޅެގެން މޮޅުވެ ނުވަތަ މެޗު ފަސް ސެޓަށް ގޮސްގެން އެ މެޗުން ބަލިވިޔަސް ކިރްގިސްތާނަށް ސެމީގެ ޖާގަ ކަށަވަރުކުރެވޭނެ އެވެ. ފުރަތަމަ މެޗުން ބަލިވުމުން ނޭޕާލަށް ވަނީ ސެމީގެ ފުރުސަތު ހަނިވެފަ އެވެ. އެ ޓީމަށް ސެމީގެ ޖާގައެއް ލިބެން އޮތީ މި ގްރޫޕުގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖޭގެ މައްޗަށް ކުރިހޯދައިގެންނެވެ.
ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބްގެ އިންޑޯ ކޯޓުގައި މިއަދު ކުޅުނު މެޗު ފަށައިގެން ކިރްގިސްތާނުން ދިޔައީ ނޭޕާލަށް އެއްވެސް ފުރުސަތެއް ނުދީ މެޗު ލީޑުކުރަމުންނެވެ. މުޅި މެޗަށް ބަލާއިރު ފުރަތަމަ ސެޓުގައި ނޭޕާލަށް ދެ ޕޮއިންޓުގެ ލީޑެއް ލިބުނު ނަމަވެސް ބާކީ އެހެން ހުރިހާ ވަގުތެއްގައި ލީޑުގައި އޮތީ 2017 ވަނަ އަހަރު މާލޭގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތަށި އުފުލާލި ކިރްގިސްތާން އެވެ.
ކިރްގިސްތާނުން އެ ޓީމުގެ ދުވަސްވީ ކޯޗު އަންދްރޭ އެންކުޑިނޯފްގެ އިރުޝާދުގެ ދަށުން މި މުބާރާތުގައި ވެސް ކުޅެމުން އަންނައިރު އެ ޓީމުން މި މެޗުގެ ސެޓޫތައް ގެންދިޔައީ 25-23، 25-22 އަދި 25-22 އިންނެވެ. މުޅި މެޗަށް ބަލާއިރު ކިރްގިސްތާނުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 2017 ވަނަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަަގާމު ހޯދި އޮނޮލްބެކް އެވެ.
ރާއްޖޭގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލް ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި މަން ބަހާދުރު މި މުބާރާތުގައި ނުކުޅެ އެވެ. އެ ޓީމަށް މި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ކުލް ބަހާދުރު ތާޕާ އެވެ. ނޭޕާލުގެ ކޯޗަކީ ނެދަލެންޑްސްގެ ހޭން އެބިން އެވެ.
ހަތް ޓީމު ކުޅޭ މި މުބާރާތުގެ ހަތަރު ޓީމު އޮތް ގްރޫޕުގައި މިއަދު ވަނީ ދެ މެޗެއް ކުޅެފަ އެވެ. ހެނދުނު ކުޅުނު މެޗުން ތުރުކުމެނިސްތާން ވަނީ 3-1 ސެޓުން އަފްގާނިސްތާން ބަލިކޮށްފަ އެވެ. މިއަދު ކުޅުނު ފަހު މެޗުން އުޒްބެކިސްތާން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.