29 މެއި 2016 - 17:46

އޭޝިއާ ޕެސިފިކް ސަރަހައްދުގައި އޮޕަރޭޓްކުރާ ކޯލް ސެންޓަރުތަކުގެ ތެރެއިން އެންމެ ފުރިހަމަ، ޒަމާނީ އަދި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭ ތިން ކުންފުނީގެ ތެރޭގައި ދިރާގު ހިމެނިއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގެ މި އެވޯޑުގެ "މީޑިއަމް ސައިޒް ކޯލް ސެންޓަރު" ކެޓަގަރީން ދިރާގަށް ބްރޮންޒް މެޑަލް ލިބިފައި ވަނީ މެލޭޝިއާ، ޖަޕާން އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ ކުންފުނިތަކާ ވާދަ ކޮށްގެނެވެ.
"މީޑިއަމް ސައިިޒް ކޯލް ސެންޓަރު" ކެޓަގަރީ އަކީ 50-250 އާ ދެމެދު އަދަދަކަށް ކަސްޓަމާ ސާވިސް ދޭ މުވައްޒަފުން މަސައްކަތް ކުރާ ކޯލްސެންޓަރުތައް ހިމެނޭ ކެޓަގަރީ އެވެ.
ދިރާގުން ބުނި ގޮތުގައި ދުނިޔޭގެ ކޯލް ސެންޓަރުތަކުގެ އެންމެ ބޮޑު ޖަމިއްޔާ، ކޮންޓެކްޓް ސެންޓާ ވޯލްޑުން މި އެވޯޑު ދެނި އެތަނެއްގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރާއި މަސައްކަތުގެ މާހައުލާއި މުވައްޒަފުން އަދި އެމީހުންގެ މަަސައްކަތުގެ އަގު ވަޒަން ކުރުމުގެ އިތުރުން، މުވައްޒަފުންނަށް ދޭ ތަމްރީނާއި އޭގެ ފެންވަރަށް ބެލުމަށް ފަހު އެެވެ.
"އަޅުގަނޑުމެން މިހާރު މި ވަނީ ކަސްޓަމަރުންނަށް ފޯނު ކޯލް، އިމެއިލް، އައިވީއާރް އަދި ސޯޝަލް މީޑިއާގެ އިތުރުން ކަސްޓަމާ އޭޖެންޓަކާ ލައިވް ކޮށް ޗެޓް ކޮށްގެން ވެސް ހިދުމަތް ލިބޭނެ ގޮތަށް ދިރާގުގެ އެކްސްޕީރިއަންސް ސެންޓަރު ފަރުމާކޮށް، ހިދުމަތް ދޭން ފަށާފައި،" ދިރާގަށް މި އެވޯޑު ލިބުމާ ގުޅިގެން، އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ މެނޭޖަރު މުހައްމަދު އަޒްލީމް ވިދާޅުވި އެވެ.
ދިރާގުގެ ކޮންޓެކްޓް ސެންޓަރުން ދުވާލެއްގެ މައްޗަށް 18،000 އަށް ވުރެ ގިނަ ކޯލަށް ޖަވާބުދޭ އިރު، އެ ސެންޓަރުގައި 90 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި މި މުވައްޒަފުންގެ 62 ޕަސެންޓަކީ ކަސްޓަމާ ސާވިސްގެ ދާއިރާއިން ބައިނަލްއަގްވާމީ ސްޓޭންޑަޑް، ސީއޯޕީސީގެ ސާޓިފައިޑް ކަސްޓަމާ ސާވިސް ޕްރޮފެޝަނަލުން ކަމަށް ދިރާގުން ފާހަގަ ކުރެ އެވެ.