19 އޯގަސްޓް 2019 - 18:43

ލ. މާމެންދޫގައި ގެއެއްގެ ފުރާޅުމައްޗަށް ފާރެއް ވެއްޓި އެ ގޭގެ ސީލިންގު ހަލާކުވެ ކުޑަކުއްޖަކާއި މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި ސީލިންގުން ބައެއް ވެއްޓި އަނިޔާވީ ގޭގެ ކޮޓަރި ތެރޭގައި ތިބި ދެ އަހަރުގެ ކުއްޖަކަށާއި 38 އަހަރުގެ ފިރިހެނަކަށެވެ. އެކަމަކު އެކަކަށް ވެސް ސީރިއަސް އަނިޔާއެއް ނުވެ އެވެ. އެ ހާދިސާ ހިނގީ ވައިގަދަވުމުގެ ސަބަބުން ކަމަށް ފުލުުހުން ބުންޏެވެ.
ފުލުހުން ބުނީ ފުރާޅު މައްޗަށް ވެއްޓުނީ އެ ގޯތި ތެރޭގައި ރާނާފައި ހުރި ފާރެއް، ނުހިކި ހުއްޓާ ކަމަށެވެ. ސިމެންތި ޓިނު ޖަހާފައި ހުރި ފުރާޅުގެ މައްޗަށް ފާރު ވެއްޓުމުން ޓިނުތަކާ އެކު ސީލިންގު ވެސް ވަނީ ވެއްޓިފަ އެވެ.
ފުރާޅު ވެއްޓުމުން ފުލުހުން ވަނީ އަލުން ޓިނު ޖަހައި، ތަން ސާފުކޮށް ވަގުތީ ގޮތުން އެ ތަނުގައި ދިރިއުޅެވޭނެ ހާލަތަށް ގެނެސްފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވެސް މި ދޭތެރެއަކުން ވަނީ ހިނގައިފަ އެވެ.