19 އޯގަސްޓް 2019 - 16:59

އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރަށް، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން އާތިޔާ ވަކިކުރީ 2015 އަހަރު އެވެ. އެކަމަކު އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 155،000ރ. ދޭން، މިދިޔަ ޖުލައި މަހުގެ ތެރޭގައި ހައި ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ޕްރިންސިޕަލް ކަމުގެ މަގާމުން ވަކި ކުރުމުން އާތިޔާ ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރުކަން ކުރައްވާފަ އެވެ. އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަޝިޕްއިން މާސްޓާސް ހާސިލް ކުރައްވާފައިވާ އާތިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲގެ އަނބިކަނބަލެކެވެ.
އާތިޔާގެ އިތުރުން، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ގދ. ތިނަދުއަށް އުފަން، ޒިފްލީނާ ހަސަން ވަނީ އައްޔަން ކުރައްވައިފަ އެވެ. މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ޒިފްލީނާ، މާސްޓާސް ހާސިލް ކުރައްވާފައިވަނީ އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
އޭނާ ވަނީ އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަގާމުތަކުގެ އިތުރުން ބައެއް މެގަޒިންތަކުގެ އެޑިޓަރުކަން ކުރައްވައިފަ އެވެ.