18 ސެޕްޓެމްބަރ 2016 - 12:00

ހދ. ކުޅުދުއްފުށީގައި ހިނގި ސައިކަލް އެކްސިޑެންޓުގައި އަނިޔާވި އަސީލް އަލީގެ ހާލު ސީރިއަސްވީ، އެ ރަށު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނާ ވާހަކަ ހެލްތު މިނިސްޓްރީން ބަލަން ނިންމައިފި އެވެ.
އުމުރުން 18 އަހަރުގެ އަސީލް، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބާރަށް ސައިކަލްގައި ދަނިކޮށް ވެއްޓި އޭނާގެ މައިބަދަ އަށް ލިބުނު ގެއްލުންތަކުން ހާލު ސީރިއަސްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ. އަސީލަށް ނުތެދުވެވޭ ކަމަށް ޑޮކްޓަރުންގެ ގާތު ބުނުމުން، "އޭނާ މަކަރު ހަދަނީ" ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުނެ އެވެ.
ހެލްތު މިނިސްޓްރީގެ ސްޕޯކްސް ޕާސަން ތަސްލީމާ އަލީ މިއަދު ވިދާޅުވީ މީޑިއާއިން އެ މައްސަލަ ފެނުމާއެކު އެއީ ޑޮކްޓަރުންގެ އިހުމާލުންވީ ކަމެއްތޯ ނުވަތަ ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން އެކަން ނުކުރެވިގެން ދިމާވި ކަމެއްތޯ ބަލަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ފޮނުވުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"މި މައްސަލައިގައި އަޅުގަނޑުމެންނަށް ވަކި އެއްޗެއް ބުނެވޭނީ މައްސަލަ ހިނގި ގޮތް ބަލައި، އަދި ދެ ފަރާތުން ޝާމިލްވާ މީހުންގެ ވާހަކަތައް އަޑުއެހުމަށް ފަހު. އެކަމަށް އަޅުގަނޑުމެން މިހާރު ވާނީ އިނީޝިއޭޓްކޮށްފައި،" ތަސްލީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުުގައި އާއިލާއިން ތުހުމަތު ކުރާގޮތަށް، އިހުމާލުގެ މައްސަލައެއް އެކަމާ މެދު ފިޔަވަޅު އަޅާނެ އެވެ. އަދި އެއީ ހެލްތު މިނިސްޓްރީ ނުވަތަ ހޮސްޕިޓަލުގެ ފަރުވާ ކުޑަވެގެން ދިމާވި ކަމެއް ނަމަ އެކަން ހައްލު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން އުސޫލުތަކުގެ ދަށުން މިކަން ކުރިއަށް ގެންދިޔަ ނަމަ ބަލިމީހާ އަށް މިހާވަރުގެ ގެއްލުމެއް ލިބޭތޯ ވެސް،" ތަސްލީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއިލާއިން ބައެއް ފަހަރަށް މި ފަދަ މައްސަލަތައް ފެންމަތި ކުރި ނަމަވެސް، އެތިކަލީ އެކަމުގައި މާބޮޑު މައްސަލައެއް ނުހުންނަ ކަންކަން ވެސް ދިމާވާ ކަމަށެވެ. އެހެންވެ، އެންމެ ރަނގަޅަށް މައްސަލައެއް ދެނެގަތުމަށް ކްލިނީޝަނެއްގެ އެހީ ހޯދައި، އެކަމުގައި އޭނާގެ ރިއާޔަތް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.
އަސީލް މާލެ ގެނެސްފައިވަނީ އެކްސިޑެންޓު ހިނގިތާ ތިން ދުވަސް ފަހުންނެވެ. އަދި މާލެ ގެނެސް އެކްސްރޭތައް ބެލުމުން އޭނާގެ މައިބަދައިގެ ދެ ބަދައެއް ހަލާކުވެ އިތުރު ހަ ބަދަޔަކަށް ވެސް ގެއްލުން ލިބިފައި ހުރި ކަމަށް އެނގުނު ކަމަށް އާއިލާއިން ބުންޏެވެ.
އާސަންދައިގެ ދަށުން އިތުރު ފަރުވާ ދިނުމަށް އޭނާ މިހާރު އިންޑިއާއަށް ފުރުވާލާފައި ވީނަމަވެސް، މާބޮޑަށް ލަސްވުމުގެ ސަބަބުން އަސީލް ޕެރަލައިޒްވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.