އިކާޑީ އެންމެ ފަހުން މޮނާކޯ އަށް؟
އިކާޑީ އެންމެ ފަހުން މޮނާކޯ އަށް؟

މިލާން (އޮގަސްޓް 19) – ދާނެ ދިމާލެއް ނޭގިފައި ހުރި އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ ގެންދަން ފްރާންސްގެ މޮނާކޯ އިން 65 މިލިއަން ޔޫރޯ ހުށަހަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި އިންޓަގެ ކޮންޓްރެކްޓް އާކުރުމާ މެދު އުފެދުނު ދެބަސްވުމަކާ ގުޅިގެން އިކާޑީ އަތުން އެ ކްލަބުން ކެޕްޓަން ބޭންޑް ނެގުމުން އޭނާ ކުޅެން ދެކޮޅު ހެދި އެވެ. އެއާ އެކު މި ޓްރާންސްފާގައި އޭނާ ވިއްކާލާނެކަން ކަށަވަރުވި އެވެ.

އިންޓަ އިން އޭނާ ނަޕޯލީ އަށް ވިއްކާލަން މަސައްކަތްކުރި ނަމަވެސް އިކާޑީ ބޭނުންވަނީ ޔުވެންޓަސްއާ ގުޅޭށެވެ. އެކަމަކު ވާދަވެރި ޔުވެންޓަސް އޭނާ ދޫކޮށްލަން އިންޓަ ބޭނުންނުވެ އެވެ.

މޮނާކޯ އިން ވަނީ އިންޓަ އަށް 65 މިލިއަން ޔޫރޯ ހުށަހެޅުމުގެ އިތުރުން އިކާޑީ އަށް އަހަރަކު 12 މިލިއަން ޔޫރޯގެ މުސާރައެއް ވެސް ހުށަހަޅައިފަ އެވެ. އިޓަލީގެ ކްލަބަކަށް ވިއްކާލުމަށް ވުރެ އިންޓަ ހިތްހަމަޖެހޭނީ އޭނާ އެހެން ލީގެއްގެ ކްލަބަކަށް ދޫކޮށްލާށެވެ. އެކަމަކު އިޓަލީން ބޭރަށް ދިއުމަށް އޭނާ އަށް ހުރަހެއް އެބައޮތެވެ. އެއީ އިކާޑީގެ އަންހެނުން ވަންޑާ އިކާޑީ އާއި ކުރީގެ ފިރިމީހާ އަށް ލިބިފައިވާ ކުދިންގެ ބެލެނެވެރިކަމާ ގުޅޭގޮތުން އިދާރާތަކުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރަން އޮތް ހުރަސް ކަމަށްވެ އެވެ. އެހެން ނޫން ނަމަ އޭނާ ބާސެލޯނާ ނުވަތަ ރެއަލް މެޑްރިޑާ މިހާރު ގުޅިދާނެ އެވެ. އެ ދެ ކްލަބަކުން އޭނާ ހޯދަން މިދިޔަ ސީޒަނުގައި މަސައްކަތްކުރި އެވެ.

އަހުލާގީ މައްސަލަތަކާ ގުޅިގެން އިކާޑީ ބަލައިނުގަންނަން އިންޓަގެ ސަޕޯޓަރުން މިދިޔަ ސީޒަނުގައި ވަނީ ނިންމައިފަ އެވެ. އެ ކްލަބުގެ އަލްޓްރަސް އިން ބުނީ ކްލަބުގެ ކެޕްޓަންކަން ކުރުން އެއްކިބައިގައި އޮއްވާ، ޓީމުގެ ތެރޭގައި އެކުވެރިކަން ދެމެހެއްޓޭނެ ފަދަ އަހުލާގެއް އޭނާގެ ކިބައިގައި ނެތް ކަމަށެވެ.

އިކާޑީގެ ބަޔޯގްރަފީގައި ސަޕޯޓަރުންނަށް ފާޑުކިޔާފައިވާތީ 2016 ވަނަ އަހަރު ވެސް އޭނާއާ ސަޕޯޓަރުންނާ މައްސަލަ ޖެހުނެވެ. އެފޮތުގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރު ސަސުއޯލޯ އަތުން 3-1 އިން އިންޓަ ބަލިވި މެޗަށް ފަހު އޭނާ އިންޓަގެ ސަޕޯޓަރުންނަށް ޗެލެންޖް ކުރުމުން އިންޓަގެ ކުޅުންތެރިން އޭނާ އަށް ތައުރީފްކުރި ކަމަށެވެ. އެކަމާ ގުޅިގެން އިންޓަގެ ސަޕޯޓަރުން އޭނާއާ ދެކޮޅަށް ބެނާ ދެމި އެވެ. މެޗު ތެރެއިން އިންޓަ އަށް ލިބުނު ޕެނަލްޓީ އިކާޑީ ޖަހަން ދިއުމުން އިންޓަގެ ސަޕޯޓަރުން ނުރުހުޅުން ފާޅުކުރިއިރު އޭނާ އަތުން ޕެނަލްޓީ ބޭކާރުވުމުން ސަޕޯޓަރުން އުފާފާޅުކުރި އެވެ. އެ މައްސަލައިގައި އިކާޑީ އަތުން ކެޕްޓަން ބޭންޑް ނަގަން ކްލަބުން ވިސްނި އެވެ.