20 އޯގަސްޓް 2019 - 08:12

އިންޑިއާގެ މީހަކު އާދަޔާހިލާފު ބާރަށް ދުވާކަން ފާހަގަ ކުރެވިގެން އޭނާ އަށް އެތައް ބައެއްގެ ސަމާލުކަން ލިބި، ސަރުކާރުން ވެސް އޭނާގެ ކުރިއެރުމަށް މަސައްކަތްކޮށްދޭން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަދިޔަ ޕްރަދޭޝްގެ ޝިވްޕޫރީގައި ދިރިއުޅޭ ރަމޭޝްވަރު ގުރްޖާރް ވަނީ އެންމެ 11 ސިކުންތުގެ ތެރޭގައި ހުސްފަޔާ 100 މީޓަރަށް ދުވެފަ އެވެ.
އޭނާ ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް މަދިޔަޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރު ޝިވްރާޖް ސިންގް ޗޯހަން ޓްވިޓާގައި ހިއްސާކޮށް، ޔުނިއަން ސްޕޯޓްސް މިނިސްޓަރު ކިރެން ރިޖޫގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވެ އެވެ.
އެ ޓްވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ބޯޕާލްގެ ޓީޓީ ނަގަރް ސްޓޭޑިއަމްގައި ރަމޭޝްވަރްގެ ދުވުން ޓެސްޓް ކުރަން ދައުވަތު ވެސް ދެއްވައިފަ އެވެ. އޭނާ ހޮނިހިރު ދުވަހު ވަނީ ބޯޕާލަށް ގޮސްފަ އެވެ.
ރަމޭޝްވަރު ބުނި ގޮތުގައި އޭނާގެ ދުވުމަށް ބައެއްގެ ސަމާލުކަން ލިބުމަކީ އެއްގޮތަކަށް ވެސް އުންމީދު ކުރި ކަމެއް ނޫނެވެ.
"އަހަރެން ޓީވީން ދުށިން އުސެން ބޮލްޓް [100 މީޓަރު ދުވުމުން ރެކޯޑް ހަދާފައިވާ ޖެމެއިކާގެ ދުވުންތެރިޔާ] ދުވިތަން. އަހަންނަށް މިނިސްޓަރު ގުޅި އިރު ގެންގުޅުނު ބަފަލޯތަކެއް ހޯދަން އެ މަސައްކަތުގައި އަހަރެން އުޅުނީ،" އޭނާ ބުންޏެވެ. "އަހަރެން ދުވާ ސްޕީޑް ފާހަގަކުރެވި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ދޭން ނިންމުމަކީ އުސެންގެ ރިކޯޑް އިންޑިއާ އަށް މުގުރާލެވިދާނެ ކަމެއްކަން އެނގިއްޖެ."
އޭނާ ބުނި ގޮތުގައި ޕްރެޓިކްސް ކުރެވޭނެ ރަނގަޅު ވަސީލަތްތަކާއި ފުރުސަތުތަކެއް ފަހިކޮށްދީފި ނަމަ އެއީ ނުވާނެ ކަމެއް ނޫނެވެ. ބޮލްޓު ގާއިމުކޮށްފައިވާ 100 މީޓަރުގެ ދުނިޔޭގެ ރެކޯޑަކީ 9.58 ސިކުންތެވެ.
މަދިޔަ ޕްރަދޭޝްގެ ސްޕޯޓްސް ސްޓޭޓް މިނިސްޓަރު ޖީތޫ ޕަޓްވާރީ ވިދާޅުވި ގޮތުގައި މަހޭޝްވަރަށް ރަނގަޅު ކޯޗެއްގެ ބެލުމުގެ ދަށުން ތަމްރީނު ދީފި ނަމަ އޭނާއަކީ އިންޑިއާގެ ނަން ވިދުވައިލާނެ "ގައުމީ އެސެޓަކަށް" ވެދާނެ އެވެ.
"އޭނާގެ ދުވުން ޓެސްޓް ކުރުމަށް ފަހު، އެކެޑެމީއަކަށް ވައްދައިގެން ޓްރޭނިން ދޭން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.