19 އޯގަސްޓް 2019 - 12:27

ހަތަރު ފުރޮޅުލީ އުޅަނދުތައް ހުޅުމާލޭގައި ރަޖިސްޓްރީކޮށްދޭ އުސޫލަށް ބަދަލެއް ގެނެސްފި އެވެ.
ހުޅުމާލެ އަށް އެއްގަމު އުޅަނދު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލަށް އެޗްޑީސީން މިދިޔަ މާޗް މަހު ގެނައި ބަދަލުގައި ބުނެފައިވާ ގޮތުގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރެވޭނީ ހަމައެކަނި ހުޅުމާލޭގެ ގޯތި ނުވަތަ ރޯ ހައުސް އަދި ފްލެޓެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަންޏެވެ. އަދި ގަރާޖް ނެތް އުޅަނދުތަކަށް ހުއްދަ ދޫކުރުން އެޗްޑިސީން ވަނީ މަޑުޖައްސާލައިފަ އެވެ.
ނަމަވެސް އެ އުސޫލަށް ގެނައި ބަދަލުގައި ވަނީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި، ރޯހައުސް، މިކްޑްސް އަދި ޕިޔޯ ރެސިޑެންޓް ފްލެޓްތަކުގެ ތެރެއިން ގަރާޖް ހަދާފައިވާ އިމާރާތުން އުޅަނދު ޕާކްކުރާނެ ޖާގަކަށަވަރުވެފައިވާ ފަރާތްތަކުން އެހެން ފަރާތަކަށް އެ ޖާގަ ދޫކުރަން ބޭނުންވާ ނަމަ އެ ދެ ފަރާތުންވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް އެޗްޑީސީއަށް ހުށަހެޅުމުން އެ ފަރާތުގެ ނަންމަތީގައި ގަރާޖް ރަޖިސްޓްރީކޮށްދޭނެ އެވެ.
މީގެ އިތުރުން ގަރާޖު ނެތް ފަރާތްތަކަށް ހުއްދަ ދޫކުރުން މަޑުޖައްސާލުމުގެ ކުރިން ހުއްދަ ދޫކޮށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއް އެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ނަމަ އޭގެ ބަދަލުގައި އާ އުޅަނދެއް ގެނައުމަށް ހުއްދަ ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.