19 އޯގަސްޓް 2019 - 14:16

ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީން ކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކަން ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާ ކުރަން އިންޑިއާގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އާއި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާ ދެމެދު ވި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދިވެހި 1000 ސިވިލް ސާވަންޓުންނަށް އިންޑިއާގެ ސަރުކާރުން ތަފާތު ތަމްރީނުތައް ކުރިއަށް ގެންދަން މަގުފަހިވެ އެވެ.
ތަމްރީންތަކާ ބެހޭ މަޝްވަރާތައް ކުރަން އެންސީޖީޖީން ރާއްޖެ ވަޑައިގަތީ އެތަނުގެ އެޑްމިނިސްޓްރޭޓިވް ރިފޯމް އެންޑް ޕަބްލިކް ގްރީވަންސަސް ޑިޕާޓްމެންޓްގެ އެޑިޝަނަލް ސެކްރެޓަރީ ޝްރީ ސިރިނިވަސް އާއި އެތަނުގެ އެސޯސިއޭޓް ޕްރޮފެސަރު ޕޫނަމް ސިންގް އެވެ.
އެ ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ އެކްޝަން ޕްލޭން އެކުލަވާލަން އެންސީޖީޖީ އާއި ސީއެސްސީ ގުޅިގެން މިއަދާއި މާދަމާ މަޝްވަރާތަކެއް ކުރަން ނިންމާފައިވާ ކަމަށް ސީއެސްސީގެ ޕަބްލިކް ރިލޭޝަންސް އެގްޒެކްޓިވް އާއިޝަތު ހުދާ "މިހާރު" އަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ވަފުދުގެ ދެ ބޭފުޅުން ވަނީ ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވައިފަ އެވެ.
އެންސީޖީޖީ އަކީ އިންޑިއާ ސަރުކާރުގެ އިސް މަގާމުތަކުގައި މަަސައްކަތްކުރާ މީހުންނަށް ވެސް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގާ ސެންޓަރެކެވެ.