މުސްއަބުގެ ސަސްޕެންޝަންގެ މައްސަލަ މަޖިލީހަށް!
މުސްއަބުގެ ސަސްޕެންޝަންގެ މައްސަލަ މަޖިލީހަށް!

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ސަސްޕެންޑްކޮށް، ވަކި ސަބަބެއް ނާންގައި ސަސްޕެންޝަންގެ މުއްދަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ތިން ވަނަ ފަހަރަށް އިތުރު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހަޅުއްވައިފި އެވެ.

މުސްއަބާ ގުޅޭ އިދާރީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެ ސީއެސްސީން އެންމެ ފުރަތަމަ އޭނާ ސަސްޕެންޑްކުރީ މިދިޔަ މެއި 29 ގަ އެވެ. އޭގެ ފަހުން ތިން ފަހަރަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކުރި އިރު ސަބަބެއް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ސަސްޕެންޑް ކުރިކަން ފުރަތަމަ އެނގިވަޑައިގަތީ، މުސްއަބު ވިދާޅުވި ގޮތުގައި، މީޑިއާގައި ރިޕޯޓް ކުރުމުންނެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި މައްސަލައިގައި މުސްއަބު އެދިވަޑައިގަތީ ސިޓީގައި އެދިވަޑައިގަތީ އޭނާއާ މެދު އަމަލުކުރަމުން ދާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މެދުވެރިކޮށް ސީއެސްސީ ޖަވާބުދާރީ ކޮށްދިނުމަށެވެ. އޭނާއާ މެދު ފިޔަވަޅުތަކެއް އަޅަމުން ދަނީ ވަކި ބައެއްގެ ނުފޫޒާ ހެދި އިންސާފުން ބޭރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުސްއަބު "މިހާރު" އަށް ވިދާޅުވި ގޮތުގައި މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރަމުން ދަނީ ކޮން ސަބަބަކާ ހެދިތޯ އަދި ކޮން އުސޫލަކުންތޯ އޮޅުންފިލުވައިދޭން ސީއެސްސީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު އޭނާ ސަސްޕެންޑް ކުރި ސަބަބު މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ހަތަރު ވަނަ ސިޓީން މި އެދެނީ ސަސްޕެންޑްކުރި ސަބަބު ސާފުކޮށްދޭން،" މުސްއަބު ވިދާޅުވި އެވެ.

ސީއެސްސީން ބަލާ މައްސަލައާ ގުޅިގެން އޭނާއާ އެއް ފަހަރު ސުވާލު ކުރި އެވެ.

މުސްއަބު ތުހުމަތު ކުރައްވަނީ، އޭނާ ވަކިކުރަން މަސައްކަތް ކުރަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ހުށަހެޅުއްވި އިދާރީ މައްސަލަތަކަކާ ގުޅިގެންނެވެ.

އޭނާއާ ދެކޮޅަށް އުފައްދާފައިވާ މައްސަލައިގެ ބޭނުމަކީ ޒިކުރާ މިސްކިތުގެ ކޮރަޕްޝަނާ ގުޅިފައިވާ އެސްޖޭ ކޮންސްޓްރަކްޝަންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް މުސްއަބު ދެކެވަޑައިގަންނަވަ އެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރެގެން މި ސަރުކާރުގެ ބަންޑާރަ ނައިބުގެ ލަފައާ އެކު އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.

ސިޓީގައި މުސްއަބު ވިދާޅުވެފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު އެހެން މީހަކު މެދުވެރިކޮށް، އެސްޖޭ ކޮންސްޓްރަކްޝަނުގެ އިސް ބޭފުޅަކު ވަނީ ދެއްވައިފަ އެވެ. އެއީ ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުރުމުގެ ކުރިން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސަބަބެއް އެންގުމެއް ނެތި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ބެހެއްޓުމަކީ ސީއެސްސީން ދޭ އަނިޔާއެކެވެ. މިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ވީހާވެސް އަވަހަކަށް އެ މައްސަލަ ނިންމައި ދިނުމަށް މަޖިލީހަށް ފޮނުއްވި ސިޓީގައި މުސްއަބު އެދިވަޑައިގެންފައިވެ އެވެ.