19 އޯގަސްޓް 2019 - 10:44

ޖިބްރޯލްޓާ (އޮގަސްޓް 19) - އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމަށް އެމެރިކާ އިން ޑިމާންޑް ކުރި ނަމަވެސް އެ ހުށަހެޅުމަށް ޖިބްރޯލްޓާ އިން ދެކޮޅު ހެދުމާ އެކު ޓޭންކަރު އިއްޔެ ހަވީރު ފުރައިފި އެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރު ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރައި ހިފެހެއްޓީ މިދިޔަ މަހު 4 ވަނަ ދުވަހު އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ގްރޭސް 1 ގެ ނަންދީފައިވާ ސުޕަޓޭންކަރު ފުރިއިރު ނަން ވަނީ ބަދަލުކޮށްފަ އެވެ. ޓޭންކަރުގެ އާ ނަމަކީ އެޑްރިއަން ޑަރިއާ 1 އެވެ. ޓޭންކަރުގައި 130 މިލިއަން ޑޮލަރުގެ ސާފު ނުކުރާ ތެޔޮ ހުރި ކަމަށްވެ އެވެ.
ސާޅީސް ދުވަހަށް ފަހު ޓޭންކަރު ފުރުމުގެ ހުއްދަ ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ދިނީ ބުރާސްފަތި ދުވަހު އެވެ. ޖިބްރޯލްޓާ ސަރުކާރުން ބުނެފައި ވަނީ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ނޫންކަމުގެ ޔަގީންކަން އީރާނުން ދީފައިވާ ކަމަށެވެ.
ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުގެ އަމުރާ އެކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޓޭންކަރު ހިފެހެއްޓުމަށް އަމުރު ނެރެފަ އެވެ. ނަމަވެސް ޖިބްރޯލްޓާ އިން ބުނެފައި ވަނީ އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއަށް ނުފެތޭ ކަމަށެވެ.
ޖިބްރޯލްޓާ އިން ހިފެހެއްޓި ޓޭންކަރުގައި 29 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި ރަޝިޔާ، އިންޑިއާ، ލެޓްވިއާ އަދި ފިލިޕީންސް މީހުން ހިމެނެ އެވެ.
އީރާނުން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރި އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް މިދިޔަ މަހު 19 ވަނަ ދުވަހު ހިފަހައްޓައިފަ އެވެ.