"ޑްރީމް ގާލް" އެންމެން ހެއްވާލާނެ: އަޔޫޝްމަން
"ޑްރީމް ގާލް" އެންމެން ހެއްވާލާނެ: އަޔޫޝްމަން

އެކްޓަރު އަޔޫޝްމަން ކުރާނާ ފާހަގަކުރެވިފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ލީޑް އެކްޓަރުން ނުކުޅޭ ޒާތުގެ ފިލްމުތައް ކުޅެގެން ބެލުންތެރިންގެ ލޯތްބާއި މަގުބޫލުކަން ހޯދި އެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ކޮންމެ ފިލްމެއްގެ ސްޓޯރީލައިނަށް ބަލައިފި ނަމަ، އެއިން ކޮންމެ ފިލްމަކީ ތަފާތު ވާހަކައެއް ކިޔައި ދިން ފިލްމެއްކަން އެނގޭނެ އެވެ.

އަޔޫޝްމަންގެ އަލަތު ފިލްމު "ވިކީ ޑޯނާ" އާއި އޭގެ ފަހުން އޭނާ ކުޅުނު "ދަމް ލަގާ ޚައިޝާ" އާއި "ޝުބް މަންގަލް ސާވްދާން" ގެ އިތުރުން "ބަދާއީ ހޯ" އަކީ ބެލުންތެރިން ހަމަ ކޮސްކޮށްލާ ވަރުގެ ފިލްމުތަކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ޑްރީމް ގާލް" އަކީ ވެސް އެހާމެ ތަފާތު ފިލްމަކަށް ވާނެ އެވެ. އަންނަ މަހުގެ 13 ގައި ރިލީޒްކުރާ އެ ފިލްމުގެ ޓްރެއިލާ ދައްކައިލުމާ އެކު ބެލުންތެރިންގެ ތައުރީފު ވެސް ވަނީ ލިބެން ފަށައިފަ އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިޔާ ލިޔެ/ޑައިރެކްޓްކޮށްފައިވާ "ޑްރީމް ގާލް" ގައި އަޔޫޝްމަން ފެންނާނީ އަންހެން އަޑުން ވާހަކަ ދައްކައިގެން ފިރިހެނުން ހައްދާ މީހެއްގެ ރޯލުންނެވެ. އެގޮތުން ޕޫޖާގެ ނަމުގައި، ހިތްދަމައިގަންނަ އަންހެން އަޑަކުން ވާހަކަ ދައްކައިގެން، އޭނާ އަށް ކުރިމަތިވާ އެކި ކަހަލަ ހެއްވާ މަޖާ ހާދިސާތައް ފިލްމުން ފެނިގެން ދާނެ އެވެ.

މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފައިވާ އަޔޫޝްމަން މި ފިލްމާ ބެހޭ ގޮތުން ބުނީ "ޑްރީމް ގާލް" އަކީ އޭނާ މިހާތަނަށް ކީ އެންމެ މަޖާ ސްކްރިޕްޓް ކަމަށެވެ.

"އެ ކިޔާފައި އަހަރެން ހަމަ ހީހީ ހަލާކުވި. އަދި މިއީ އަހަރެންގެ ކެރިއަރުގައި އެންމެ ބޮޑު ރިސްކެއް ނަގާ ފިލްމަށް ވެސް ވެދާނެ. އެކަމަކު އަހަންނަށް ވަރަށް ޔަގީން ފިލްމު ބެލުންތެރިންނަށް ކަމުދާނެކަން،" އޭނާ މުމްބާއީ މިރާ އަށް ބުންޏެވެ. "އަހަރެން އަބަދުވެސް ބަލަން އާންމުކޮށް މެއިންސްޓްރީމް އެކްޓަރުން ނުކުޅޭ ކަހަލަ ސްކްރިޕްޓްތައް ނަގަން. އަދި އެއީ ވަރަށް ގަޔާވާ ވެސް ވާ ކަމެއް. އެހެންވެ ކަންނޭނގޭ ބެލުންތެރިން އަހަރެންނަކީ ތަންކޮޅެއް އެކްޓަރެއްގެ ގޮތުގައި ވެސް ފާހަގަ ކުރަނީ."

އަޔޫޝްމަން ބުނީ "ޑްރީމް ގާލް" ގައި ކުޅެން ލިބުނު ކެރެކްޓާ އަކީ އެއްގޮތަކަށް ފަސޭހަ ރޯލެއް ނޫން ކަމަށެވެ. އެގޮތުން ކުރިން ނުކުރާ އެކި ކަހަލަ ކަންކަން މި ފިލްމަށް ކުރަން ޖެހުނު ކަމަށް ބުންޏެވެ. އޭގެ ތެރޭގައި ސާޅީ އަޅަން ޖެހުން ހިމެނެ އެވެ.

"އަހަރެން ހަމަ ޔަގީނުން ވެސް ފިލްމަށް މެކްސިމަމް ދިނިން. އަދި ޑްރީމް ގާލްގެ މުޅި ޓީމް ފިލްމު ފުރިހަމަ ފިލްމަކަށް ހަދަން މަސައްކަތް ކުރި،" އޭނާ ބުންޏެވެ. "ބެލުންތެރިން ފިލްމު ބަލާފައި ބުނާ އެއްޗެއް ބަލަން ކެތްމަދުވެފައި މިހާރު މި ހުންނަނީ. ޓްރެއިލާ މިހާރު ވެސް ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައި އޮތީ."

"ޑްރީމް ގާލް" ގެ ކާސްޓުންގެ ތެރޭގައި ނުޝްރަތު ބަޗޫރާ، ވިޖޭ ރާޒް، އައްނޫ ކަޕޫރް، އަބީޝެކް ބެނަޖީ، މަންޖޯތު ސިންގް، ނިދީ ބިޝްޓް ރާޖޭޝް ޝަރުމާ އަދި ރާޖް ބަންސާލީ ހިމެނެ އެވެ.

ޖޫން މަހު ރިލީޒް ކުރި "އާޓިކަލް 15" އިން ވެސް ފެނިގެން ދިޔަ އަޔޫޝްމަންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބާލާ"، "ގުލާބޯ ސިތާބޯ" އަދި "ޝުބް މަންގަލް ޒާދާ ސާވްދާން ހިމެނެ އެވެ.