ޗެލްސީ އަށް މޮޅެއް ނުހޯދި ތިން ވަނަ މެޗު: "ކެތްތެރިވާން ޖެހޭ"
ޗެލްސީ އަށް މޮޅެއް ނުހޯދި ތިން ވަނަ މެޗު: "ކެތްތެރިވާން ޖެހޭ"

ލަންޑަން (އޮގަސްޓް 19) – ޗެލްސީގެ ޒުވާން ސްކޮޑް ކުރިއަރަން ވަގުތުކޮޅެއް ނަގާނެ ކަމަށް، ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީއާ 1-1 އިން އެއްވަރުވި މެޗަށް ފަހު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ދާދި ފަހުން ރިޓަޔާކުރި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު އެ ޓީމާ މި ސީޒަނުގައި ހަވާލުވެ އަދި މޮޅެއް ނުހޯދުނަސް ރަނގަޅު ކުޅުމެއް އެ ޓީމުން އަންނަނީ ދައްކަމުންނެވެ. އެގޮތުން ފުރަތަމަ މެޗުން މެންޗެސްޓާ ޔުނައިޓެޑް އަތުން 4-0 އިން ބަލިވި މެޗަށް ފަހު، ޔުއެފާ ސުޕަ ކަޕުގައި ޕެނަލްޓީ ޖަހައިގެން ލިވަޕޫލް އަތުން ބަލިވި މެޗާއި ރޭގެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ޗެލްސީގެ ކޯޗުގެ ގޮތުގައި ސްޓެމްފަޑް ބްރިޖަށް ނުކުތް ފުރަތަމަ މެޗުގައި ލަމްޕާޑަށް އުއްމީދެއް ގެނެސްދިނީ ހަތް ވަނަ މިނެޓުގައި މޭސަން މައުންޓެވެ. އެކަމަކު 67 ވަނަ މިނެޓުގައި ލެސްޓާގެ ވިލްފްރެޑް އެންޑިޑީ ޖެހި ގޯލުން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

"ފުރަތަމަ 25 މިނެޓު ވަރަށް ހަލުވި. އަހަރެމެންގެ ފަރާތުން ފެންވަރު ފެނިގެންދިޔަ. ފެށުމާ މެދު އަހަރެން ހުރީ ހިތްހަމަޖެހިފައި އަދި އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އެ ވަގުތު ގިނަ ގޯލްތަކެއް ވެސް ޖެހުނީސް،" ލަމްޕާޑް ބުންޏެވެ.

އޭނާ ބުނީ އެގޮތުގައި ހިފަހައްޓާލުމުގެ ފުރުސަތު ޗެލްސީ އަށް ލިބުނު ނަމަވެސް އެކަން ނުކުރެވުނީ ކަމަށެވެ. އަދި އެފަދަ އެތައް ކަމަކަށް މަސައްކަތްކުރަން އޮންނާނެ ކަމަށާއި އަދި މިއީ ސީޒަނުގެ ކުރީކޮޅަށް ވިޔަސް، ޕޮއިންޓްތަކެއް ހޯދައި ކުރިއެރުން ހޯދަން ޖެހޭ ކަމަށް ލަމްޕާޑް ބުންޏެވެ.

ޗެލްސީން 18 އަހަރުން ދަށުގެ ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ ކުޅުންތެރިން ނުނެގެވޭ ގޮތަށް ފީފާ އިން ދިން ސަސްޕެންޝަނާ ގުޅިގެން ޗެލްސީ އަށް އާ ކުޅުންތެރިޔަކު ނުހޯދުނެވެ. އެހެންވެ ލަމްޕާޑަށް މަޖުބޫރުވެފައިވަނީ ވަރަށް ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭށޭވެ.

"އަދި ވަރަށް ކުރީކޮޅުގައި މިއުޅެނީ. އަހަރެމެން ކެތްތެރިވާން ޖެހޭ އެއީ އަހަރެމެން މިދަނީ ކަމެއް ހާސިލްކުރަން ކަމަށްވާތީ. ކުރީކޮޅު ދެ ލަނޑު ނުވަތަ ތިން ލަނޑު ޖެހުނު ނަމަ މެޗު ގެންދެވުނީސް. އެކަމަކު އެ ފުރުސަތުތަކެއް ބޭނުން ނުކުރެވުނު. އެއީ މި ސީޒަނުގައި އަހަރެމެންނަށް އަދި ވީވަރަކީ. އެހެންވެ އެބަޖެހޭ ނިންމާލުންތައް ރަނގަޅުކުރަން،" ލަމްޕާޑް ބުންޏެވެ.