18 އޯގަސްޓް 2019 - 14:25

ނ. ލަންދޫން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި އެއް އާއިލާގެ ފަސް ކުދިން، އެ ކުދިންގެ އާއިލާއާ ޖެންޑާ މިނިސްޓްރީން ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އެ އާއިލާގެ އެންމެ ހަގު ކުއްޖާ މިދިޔަ ޖޫން 23 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ. ދެން ތިބި ހަތަރު ކުދިން ހަވާލުކުރީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ކުދިން ހަވާލުކުރީ ހާލަތަށް ބަލައި ކަންކަން އިސްލާހުކޮށްފައި ވާތީ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ކުދިންގެ ހާލަތު ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހު ޖެންޑާއިން އެ ކުދިން ނެގީ، އުޅެމުންދިޔަ ގެ ނުތާހިރުވެ ގޮނޑުވެފައިވާތީ ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށެވެ. ނަމަވެސް އުޅެން އެކަށީގެންވާ މާހައުލެއް ދައްކައިފި ނަމަ އެ ކުދިން ހަވާލުކުރާނެ ކަމަށް ޖެންޑާއިން ބުނުމުން، ފަހުން ވަނީ ދެ ކޮޓަރީގެ ގެ ސާފުކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ދޮށީ 11 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މީގެ ދެތިން އަހަރު ކުރީއްސުރެ ބަލަމުން ދަނީ އާއިލާގެ އެހެން މީހެކެވެ. އެންމެ ހަގަށް ހުރީ ތިން މަހުގެ ކުއްޖެކެވެ.