19 އޯގަސްޓް 2019 - 08:13

މަޝްހޫރު ކުންފުނި ނައިކީގެ އުފެއްދުންތައް އިޝްތިހާރުކޮށްދޭން އަންހެން އެތުލީޓުންނާ އެކު ހަދާ އެއްބަސްވުމުގެ ދަށުން ލިބޭ އިނާޔަތްތައް، އެ މީހުން ބަލިވެއިނުމުން ކުޑަކުރާ އުސޫލު އެ ކުންފުނިން އުވާލައިފި އެވެ.
އެ އުސޫލަށް ބަދަލު ގެނައިކަން އަންގައި، ހަ ފަހަރަށް އޮލިމްޕިކްސްގައި ރަން މެޑެލް ހޯދާފައިވާ އެމެރިކާގެ ދުވުންތެރިޔާ އެލިޒަން ފެލިކްސް އަށް ނައިކީން ފޮނުވި ސިޓީއެއް ވެސް އޭނާ ވަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި ބަލިވެއިނުމާ ގުޅިގެން ނައިކީން ވަނީ އޭނާގެ އިނާޔަތްތައް 70 ޕަސަންޓަށް ދަށްކޮށްފަ އެވެ.
ނައިކީއާ އެކު އެއްބަސްވުން ހަދާ އަންހެން އެތުލީޓުން ބަލިވެ އިނުމުން، އެއްބަސްވުމުގެ ދަށުން ލިބޭ އިނާޔަތްތައް ކުޑަކުރާތީ މީގެ ކުރިން ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި މިއީ ދެ ޖިންސްގެ އެތުލީޓުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއް ކަމަށް ވެސް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.
ނަމަވެސް ބަލިވެއިންނަ އެތުލީޓުންނަށް އިނާޔަތް ނުކަނޑަން ނިންމިކަން އަންގައި ނައިކީގެ ގްލޯބަލް ސްޕޯޓްސް މާކެޓިންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖޯން ސްލަޝާ ފޮނުވި ސިޓީއާ އެކު ފެލިކްސް ބުނީ މިކަމުން އެނގުނީ "އަންހެނުންގެ އަޑުގެ ބާރު" ކަމަށެވެ.
ނައިކީގެ ނިންމުމަށް މަރުހަބާ ކިޔައި، އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ނައިކީން ބުނި ގޮތުގައި ބަލިވެއިންނަ އެތުލީޓުންގެ އިނާޔަތް 18 މަސް ދުވަސް ވަންދެން އުނިކުރަން ގެންގުޅޭ އުސޫލަށް ދެން އަމަލެއް ނުކުރާނެ އެވެ.