18 އޯގަސްޓް 2019 - 11:04

ކާބުލް (އޮގަސްޓް 18) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ކައިވެނި ހަފުލާއެއް ކުރިއަށް ދަނިކޮށް ބޮން ގޮއްވާލުމުން 63 މީހުން މަރުވެ 180 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

މަންޒަރު ދުށް މީހުން ބުނީ އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލާފައި ވަނީ ޝިއައީ މުސްލިމުން ގިނަ ސަރަހައްދެއްގައި ބޭއްވި ކައިވެނި ހަފުލާއެއްގައި ކަމަށެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ އެ މީހުން ދިން ހަމަލާއެއް ނޫން ކަމަށެވެ. ހަމަލާގެ ޒިންމާ އެހެން އެއްވެސް ޖަމާއަތަކުން މިހާތަނަށް އުފުލައިފައެއް ނުވެ އެވެ.
ސުންނީ މުސްލިމް ޖަމާއަތްތައް ކަމަށްވާ ތާލިބާން އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އިން މީގެ ކުރިން ވަނީ ޝިއައީ ހަޒާރާ ޖަމާއަތަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
އަފްޣާނިސްތާނުގައި ކައިވެނި ހަފުލާތައް ކުރިއަށް ދަނީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. ބޮން ގޮއްވާލާފައި ވަނީ ފިރިހެނުންގެ ސެކްޝަނުގަ އެވެ.
ކައިވެނި ހަފުލާގައި ބޮން ގޮއްވާލާފައި ވަނީ ކާބުލްގެ ޕޮލިސް ސްޓޭޝަނެއްގައި ބޮން ގޮއްވާލައި 14 މީހުން މަރާލިތާ 10 ދުވަސް ފަހުންނެވެ. އެ ހަމަލާގެ ޒިންމާ ތާލިބާނުން ވަނީ އުފުލައިފަ އެވެ. މިދިޔަ ހުކުރު ދުވަހު ވަނީ މިސްކިތެއްގައި ގޮއްވާލި ބޮމެއްގައި ތާލިބާނުންގެ ލީޑަރު ހިބާތުﷲ އަޚުންޒާދާގެ ބޭބެއަކު މަރުވެފަ އެވެ.