18 އޯގަސްޓް 2019 - 11:07

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ލީޑަރުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ގޮތަށް ޕީޕީއެމް ކޯލިޝަނުން މިދިއަ އަހަރު، ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން، ސަރުކާރުން މިއަދު ހުށައަޅައިފި އެވެ.
ޔާމީންގެ ބާރު އޮތް ރައްޔިތުންގެ މަޖިލިހުން އޭރު ގާނޫނަށް ބަދަލު ގެނައީ ބޭރު ގައުމަކުން ހިމާޔަތް ހޯދައިގެން އުޅޭ މީހަކު، ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެވޭނީ، އެ ގައުމެއްގެ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށް ކަނޑައަޅައިފަ އެވެ.
އެ ބަދަލުގައި އޮންނަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާ ނަމަ، ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާ ނަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ވުމުން ކަމަށެވެ.
ޕީޕީއެމާއި އެ ޕާޓީއާ ގުޅިފައި އޮތް ކޯލިޝަނުން އޭރު އެ ބަދަލު ގެނައީ، އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ޕްރޮފެސަރު ހަސަން އުގެއިލްއަށް އަމާޒުކޮށްގެން ކަމަށް ބެލެވެ އެވެ.
ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކުރުމަކީ އާ ސަރުކާރުގެ ވައުދެކެވެ. އެހެންވެ ސަރުކާރުން މަޖިލިހަށް ހުށަހެޅީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އޭރު ގެނައި އިސްލާހު އުނިކުރުމަށެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެކަމަކު ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި މުއްދަތެއްގެ ފަހުން ކަމަކަށް ކަނޑައަޅާފައެއް ނުވެ އެވެ.
ޕީޕީއެމްގެ މެމްބަރުން އޭރު ބުނި ގޮތުގައި ގާނޫނަށް ގެންނަނީ ދުނިޔޭގެ ޑިމޮކްރަޓިކް ބައެއް ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ.
މިދިޔަ އަހަރު އެ އިސްލާހު އައީ، ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. ޔާމީންގެ ބައެއް ވާދަވެރިން އުޅުއްވީ، ރާއްޖޭގައި ހުންނަވައިފި ނަމަ ޖަލު ނުވަތަ ބަންދެއްގައި ތިއްބަވަން ޖެހިވަޑައިގެންފާނެތީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. ނަޝީދާއި ޖަމީލް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވި އިރު ގާސިމް ސިޔާސީ ހިމާޔަތް ހޯއްދެވީ ޖަރުމަނުންނެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށައަޅައިފަ އެވެ.
މިހާރު އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު އެ މަގާމުގައި ހުރި އިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ، އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބެ އެވެ.
އެކަމަކު އިސްލާހު ހުށައެޅީ އެގޮތަށް އިނާޔަތްތައް ކެނޑޭނީ ގާނޫނަށް އަމަލްކުރަަން ފެށި ފަހުން ޖިނާއީ ކުށެއް ސާބިތުވާ، ރައީސުންނާއި އެ މީހުންގެ އަނބިން/ފިރިންނަށް ކަމަށެވެ.
ކުރީގެ ސަރުކާރުން އެ ގާނޫނު ހެދީ، ކުރީގެ ރައީސް ނަޝީދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އަމާޒުކޮށެވެ. އެ ދެ ބޭފުޅުންނަކީ ޔާމީންގެ ވެރިކަމާ އެންމެ ބޮޑަށް ދެކޮޅުވި ލީޑަރުންނެވެ.
ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން އޭރު ވެސް ބުނަމުން ދިޔައީ ކުރިން ހިނގާފައިވާ ކަންކަމަށް ފަހުގެ ގާނޫނަކުން އަދަބު ދިނުމަކީ ގާނޫނީ އާންމު އުސޫލެއް ނޫން ކަމަށެވެ.