18 އޯގަސްޓް 2019 - 11:03

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ކުރީގެ ސަރުކާރުން ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގައި ވަނީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފަ އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނަށް އިސްލާހު ހުށަހަޅަނީ، އެއްވެ އުޅެވޭނެ ސަރަހައްދުތައް ކަނޑައެޅުމަށް ސަރުކާރަށް ބޮޑު އިހުތިޔާރެއް ލިބޭ ގޮތަށް އޮތުމުން ކަމަށެވެ.
އެއްވެ އުޅުމުގެ ހައްގު އިތުރަށް ހަނިކުރަން ފާސްކުރިއިރު ވެސް އޭރު އިދިކޮޅު ބޮޑު ޕާޓީގެ ގޮތުގައި އޮތް، އެމްޑީޕީން ބޭއްވި އެއްވުންތަކަށާއި ހަރަކާތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅި އެވެ. އެގޮތުން، އާޓިފިޝަލް ބީޗުގައި އެއްވެ އުޅުން މަނާކުރިއިރު، މަގުމަތީގައި އެއްވާ ނަމަ އެކަން ވެސް ފުލުހުން ހުއްޓުވި އެވެ. ފުލުހުން އޭރު ބުނީ އެކަން ކުރީ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގު ގެއްލޭތީ ކަމަށެވެ.