ހިކެން ބޭނުންކުރާ ބޭހެއް އިޝްތިހާރުކުރަން ލިބުނު ފުރުސަތު ޝިލްޕާ ޝެޓީ ދޫކޮށްލައިފި
ހިކެން ބޭނުންކުރާ ބޭހެއް އިޝްތިހާރުކުރަން ލިބުނު ފުރުސަތު ޝިލްޕާ ޝެޓީ ދޫކޮށްލައިފި

އިންޑިއާގެ މަޝްހޫރު އަޔޫރްވެދިކް ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ހިކެން ބޭނުންކުރާ ބޭހެއް އިޝްތިހާރުކޮށްދޭން ލިބުނު ފުރުސަތު ބޮލީވުޑްގެ އެންމެ ލޫޅާފަތި އެއް ބަތަލާ ޝިލްޕާ ޝެޓީ ދޫކޮށްލައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެ ބޭސް އިޝްތިހާރުކޮށް އޭނާ އަށް ހުށަހެޅީ 10 ކްރޯޑް ރުޕީސްއަށެވެ.

ނަމަވެސް އެ ފުރުސަތު ދޫކޮށްލިކަން ކަށަވަރުކޮށް ދެމުން، އަބަދުވެސް ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރާ 44 އަހަރުގެ ބަތަލާ މިޑް-ޑޭ އަށް ބުނީ އޭނާގެ އަމިއްލަ ޒަމީރު ގަބޫލުނުކުރާ ކަހަލަ އެއްޗަކަށް ފައިސާގެ ބޭނުމުގައި ދުވަހަކު ވެސް އެއްބަސްނުވާނެ ކަމަށެވެ.

ޝިލްޕާއަކީ ދުޅަހެޔޮ ސިއްހަތަށް ހާއްސަކޮށްގެން ޔޯގާ ޕްރޮމޯޓްކޮށް، ސިއްހަތަށް ފައިދާހުރި ކާނާ އަށް ހާއްސަކޮށްގެން މިހާތަނަށް ދެ ފޮތެއް ލިޔެ، އޭނާގެ ސޯޝަލް ޕްލެޓްފޯމްތަކުގައި ފައިދާ ހުރި ކާނާ ތައްޔާރުކުރާނެ ގޮތް ވެސް ކިޔައިދޭ ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ބަަތަލާއެކެވެ.

އޭނާ ބުނި ގޮތުގައި ދުޅަހެޔޮ ދިރިއުޅުމެއް ހޯދޭނީ ވެސް ހަރަކާތްތެރިކޮށް އުޅެގެން ކަމަށްވާތީ ޝޯޓްކަޓަކީ އެއް އިރެއްގައި ވެސް ގަބޫލު ކުރާ ކަމެއް ނޫނެވެ.

"އެހެންވެ ކިތަންމެ ބޮޑު އަގެއް ދިނަސް ހިކެން ބޭނުންކުރާ ބޭހެއް ޕްރޮމޯޓެއް ނުކުރާނަން. އެފަދަ އޮޕްޝަނަކަށް ދާން އެއްވެސް މީހަކަށް ހިތްވަރު ވެސް ނުދޭނަން،" ހަތް އަހަރުގެ ދަރިއަކު ވެސް ހުރި ޝިލްޕާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަނގަޅު ސިއްހަތެއްގައި ދިގު މުއްދަތަކަށް ދެމިހުންނަން ބޭނުންވާ ނަމަ އެއީ ހިތްވަރު ނެރެގެން ހަރަކާތްތެރި ލައިފްސްޓައިލަކުން ހޯދޭނެ ކަމެކެވެ. އަދި އެކަމަށް ފާޑުފާޑުގެ ބޭސް ބޭނުން ނުވާ ކަމަށް ބުންޏެވެ.

ބޮޑު ސްކްރީނާ ދުރުގައި ހުރި ޝިލްޕާ މިހާރު އަންނަނީ ފިލްމެއްގެ މަސައްކަތް ވެސް ފަށަން ތައްޔާރުވަމުންނެވެ. ތޭރަ އަހަރު ފަހުން އޭނާ ސޮއިކުރި ފުރަތަމަ ފިލްމަކީ ސަބީރު ހާން ޑައިރެކްޓް ކުރާ "ނިކައްމާ" އެވެ.