18 އޯގަސްޓް 2019 - 07:43

ބުދަ ދުވަހާ ގުޅޭ
ރާޝިދު އޮށޯވެގެން އޮތް އެނދުގައި އިށީނދެލައިގެން އިނީ އަހްސަނެވެ. ދެ މީހުން ވެސް ތިބީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ސިކުންތުކޮޅަކަށް އަހަރެންގެ ހަތަރެސްފައި ގަނޑުވިއެވެ.
"މޫނި؟" ސުވާލަކަށްވާ ކަހަލަ ގޮތަކަށް އަހްސަން ބުންޏެވެ. "މިތާ ކޮން ވަޑާމެއް؟"
އަހަރެންގެ ސިކުނޑި އަހަންނަށް އެހީނުވި ނަމަ އެ ފަހަރަކީ އަހަރެން ލަދުވެތި ގޮތަކަށް ބޭޒާރުވާނެ ފަހަރެކެވެ.
"އަހްސަން މި ތަނަށް ވަންތަން ފެނުނީމަ." އަހަރެން ބުނީމެވެ.
ހަގީގަތުގައި އަހްސަން އެ ތަނަށް ވަންކަމެއް ނުވަތަ ވަނީ ކޮންއިރަކުކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެނގުނު ނަމަ އަހަރެން ނުވަނީމުހެވެ.
"ރާޝިދު ބަލިވީތަ؟" ބިރުކަނޑައިލާފައި އެތެރެއަށް ވަންނަމުން އަހަރެން ބުނީމެވެ. "އެހެންވެ ދޯ މިއަދު ނުފެންނަނީ. ބައްޕަ ބުނި ހަވީރު ހިނގާލަންދާ ވާހަކަ. ހުންއައީތަ؟"
ގޭގައިއުޅޭ ހުރިހާ ކުދިންނާ ވެސް އަހަންނާ ރައްޓެހިކަން އޮވެއެވެ. އަހަރެންގެ ހިތް ހިބައިން ރާޝިދަށް ދީފައި ވިޔަސް އެހެން މީހަކަށް އެ ކަމެއް ނޭނގޭނެއެވެ. ވީމާ، އަހަރެން ޖެހިލުންވާންޖެހޭ ސަބަބެއް ނެތެވެ.
"ބޮލުގަރިއްސާފަ ޒާތެއްގެ ހުމެއް ވެސް އައިސްގެން މިއުޅެނީ،" ރާޝިދު ތެދުވެ އިށީނދެލަމުން ބުންޏެވެ. "ބޭސްގުޅަޔަކާ އެއްޗެހި ގަންނަން ފޮނުވައިގެން މިއުޅެނީ."
"އެއްޗެއް ކައިފިން؟" އަހްސަންގެ މޫނަށް ބަލައިލުމެއް ނެތި އަހަރެން އެހީމެވެ.
"އަނގަހިތިވެގެން ތިކަން ނުވެގެން މިއުޅެނީ." ރާޝިދު ބުންޏެވެ.
އަހްސަން އެ ތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ އަހްސަނަކީ ގޭގައި އުޅޭ އެކަކާ ދޭތެރޭގައި ވެސް ވިސްނާ މީހެއް ނޫނެވެ. އަހަންނަކީ އަހްސަންގެ އަނބިމީހާއެވެ. އަހަންނާ ދޭތެރެއަކު ވެސް އަހްސަނެއް ނުވިސްނައެވެ. އެ ސުވާލު އަހަން ކިތަންމެ ބޭނުމަސް އެއީ އަހަންނާ ބެހޭކަމެއް ނޫނެވެ.
"އަންނާނަން ބަތްޕެންފޮދެއް ހިފައިގެން." އަހަރެން ބުނީމެވެ.
އަހްސަން އިންދައި އަހަރެން އެ ކަހަލަ އެއްޗެއް ބުނުމުން ރާޝިދަށް އުނދަގޫވިކަން އަހަންނަށް ފާހަގަވިއެވެ. އެހެންނަމަވެސް ލަދަކާ ހެދި ތަދެއްނުފިލާނެއެވެ. ބިރަކާ ހެދި ލޯތްބެއްނުވެވޭނެއެވެ. ރާޝިދަށް އެހީތެރިކަން އެންމެ ބޭނުންވި ދަނޑިވަޅު ފިލަންދުވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
މެހުމާންސަރާއިން ނުކުމެފައި އަހަރެން ފުން ނޭވައެއް ބޭރުކޮށްލީމެވެ. އަހަރެން ބަތްޕެން ކައްކަންހުއްޓައި އަހްސަން ބަދިގެއަށް ވަނެވެ. އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. އަހަރެން ދެނަހުރިކަމަކަށް ނަހަދަމެވެ.
"މޫނި ޖެހޭތަ ރާޝިދަށް ބަތްޕެންކައްކަން؟" އަހްސަން ސުވާލުކުރިއެވެ. "މި ގޭގަ ކައްކާ މީހުން މަދީތަ؟"
"ރާޝިދު ބަލިވީމަ ބައްޕައަށް ވަރަށް އުނދަގޫވާނެ،" އަހަރެން ބުނީމެވެ. "ބައްޕައަށް ކޮށްދޭންޖެހޭ ކަންތައްތައް އަހްސަނަށް ކޮށްދެވެންޏާ މައްސަލައެއް ނެތް. ރާޝިދު ރަށަށް ފޮނުވައި ވެސް ލެވިދާނެ. އެހެން ހަދަންވީ؟"
"ހޫނހޫނ!" އަހްސަން އަވަސްއަވަހަށް ބޯދަމައިގަތެވެ. "ތި ކައްކާ އެއްޗެއް ކައްކައިގެން އަވަހަށް އޭނަ ގަދަވޭތޯ ބަލާ! ބޮޑުމަހުތެލާ، ވިޓަމިންސީޔާ، ހުންބޭސް ވެސް ގަނެފަ އޭނައަށް ބޯންދީ. ޑަކުޓަރު މުހައްމަދު މަނިކު ނޫނީ ސަމަދު ގެއަށް ގެންނަންވީނު. މޫނި އެ ކަމާ އުޅެލަބަލަ!"
އަހްސަން ދިޔައީ އެތައް ފުރުސަތެއް އަހަންނަށް ތަނަވަސްކޮށްދީފައެވެ. އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ. ވަގުތު ނަގާލާކަށް ނަހަދަމެވެ. ބައްޕަ ލައްވާ ޑަކުޓަރަށް ފޯނުކުރީމެވެ. ހުރިހާކަމެއް ހަމަޖައްސައިފައި ބަތްޕެންތަށި ތައްޔާރުކުރީމެވެ. ފުރަތަމަ ވިސްނީ ކުއްޖަކު އަތަށް ބަތްޕެންތަށި ދޭށެވެ. ދެން ހިތަށްއެރިއެވެ. ދޭންވީ ކީއްކުރަން ހެއްޔެވެ؟ އެއީ ބަތްޕެންތައްޓެއް ނޫނެވެ. އަހަރެންގެ ލޯތްބެވެ. އަނެއްކޮޅުން އަހްސަންގެ ހުއްދަލިބިއްޖެއެވެ. ދަނޑިވަޅުގެ ބޭނުން ޖެހޭނީ ހިފާށެވެ. ހެދުމުގައި ދުންވަސް ހިފައިފައިހުރުމުން ހެދުން ބަދަލުކޮށްލީމެވެ. ގޯޔާ މަރުކާގެ ބްލެކްރޯސް ސެންޓުކޮޅެއް ހެދުމަށް ބުރުވައިލީމެވެ. ލޯގަނޑު ކައިރިއަށް ގޮސް ރީތިކޮށް ފުނާއަޅާލައި މޫނުމައްޗަށް އިސްތަށިކޮޅެއް ވައްޓައިލީމެވެ. މޫނުގައި ހުރި ތެޔޮކަން ކަނޑުވައިލީމެވެ. ލޮލުގައި ގަލަދުންއެޅީމެވެ. ތުންފަތް ރަތްކުރާ ކުލަ ފޯއްޔެއް އޮތެވެ. އެކަމަކު އެއޮތީ ހުސްވެފައެވެ. ތުންފަތުގައި މަޑުމަޑުން ދަތްއަޅައި ދެ ތުންފަތް ރަތްކޮށްލީމެވެ. ފަރިވެލައިފައި ލޯގަނޑުން ބަލައިލީމެވެ.
"ވަރަށް ރީތި އިނގޭ!" ހިތާހިތުން ބުނެލީމެވެ.
ބަތްޕެންތަށި ހިފައިގެން ހިނގައިގަތީމެވެ. އަހަރެން ދިޔައީ ބަލިމީހަކަށް ބަތްޕެން ހިފައިގެނެއް ނޫނެވެ. ލޯބިވެރިޔާގެ ބައްޔަށް ފަރުވާ ހިފައިގެންނެވެ. ރާޝިދުގެ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ރާޝިދު އިނީ އެނދުގައި އިށީނދެލައިގެންނެވެ. ނަސީރު ހުރީ ކޮޅަށެވެ.
"އަވަހަށް މި ފުޅި ގެންގޮސް ފިހާރަޔަށް ލާ!" ޑޮންޑޮން ހުސްކުރި ފުޅި ދިއްކޮށްލަމުން ރާޝިދު ބުންޏެވެ.
ރާޝިދު އެހެން ބުނީ ނަސީރު އެ ތަނުން އަވަހަށް ނެރެންވެގެންނެވެ. ނަސީރަށް އެ ވަރު ވިސްނުނުހެނެއް ހިޔެއްނުވެއެވެ. ފުޅި ހިފައިގެން ނަސީރު ނުކުތެވެ. އަހަރެން ބަތްޕެންތަށި ހިފައިގެން އައިސް އެނދު ކައިރީގައި ހުރި މޭޒުމަތީގައި ބެހެއްޓީމެވެ. ރާޝިދާ ސީދާ ހަތަރުކަޅި ހަމައެއް ނުކުރަމެވެ. އެކަމަކު އަހަރެން ވަނީއްސުރެ އެހެން ދިމާއަކަށް ރާޝިދަކަށް ނުބެލެއެވެ. ބަލާކަށް ނުވެސް ކެރޭނެއެވެ. ވިންދުޖަހާ ހިތެއް އޮތް ފިރިހެނެއް ވިއްޔާ އަހަރެން ނޫން އެހެން ދިމާއަކަށް ބަލާކަށް އެ ވަގުތަކު ފަސޭހައެއް ނުވާނެއެވެ. ރާޝިދުގެ ކަޅި ހުރީ އަހަރެންގެ ގައިގައި ތަތްވެފައެވެ. އަހަރެންގެ ހަށިގަނޑަށް އެ ކަން އިހުސާސްވެއެވެ. މޫނު އެހެން ދިމާއަކަށް އަނބުރާނެ ހިތްވަރެއް ރާޝިދަކަށް ނުލިބުނެވެ.
"އަދިވެސް ހިތްނުފުރޭ؟" ރާޝިދަށް ނުވެސް ބަލައި، މަޑުމަޑުން އަހަރެން ބުނެލީމެވެ.
ރާޝިދު ޖަވާބެއް ނުދިނުމުން އޭނާގެ ފުން ކަޅިރަވަޔަށް އަހަރެން ބަލައިލީމެވެ. ހަރަކާތްކުރާނެ ހަކަތަ ނެތިފައިވާ އިންސާނަކު ކަނޑަކަށް ގެނބިގެންދާ އުސޫލުން އަހަރެން އެ ކަނޑުގެ އަނދިރިކަމުގެ ތެރެއަށް މަޑުމަޑުން ގެނބިގެންދިޔައެވެ. އިރުކޮޅެއް ނުވެ ނޭވާ ހާސްވެގެން އަހަރެން ތެޅިގަތީމެވެ.
"އަހަންނަށް ތިހާ އަނިޔާކުރަން ހެޔޮނުވާނެ!" ރާޝިދުގެ އަޑު އަހަރެންގެ ކަންފަތުގައި ބީހިލިއެވެ.
އަހަރެން ގާތަށް ވަރަށް ހިނިއައެވެ. ރަކި ވެސް ވިއެވެ. އުފާވި ވަރު ޔަގީނުން ވެސް ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ. އެއްވެސް މީހަކު އަހަންނަކަށް އެހާ ގަޔާވާ ތައުރީފެއް ނުކުރެއެވެ.
"އަނިޔާ؟" އަހަރެން ބުނީމެވެ. "މިހާ ދުރުގަ ހުރެގެން އަހަރެން ކިހިނެއް މީހަކަށް އަނިޔާކުރާނީ؟"
"އެއަށް ވުރެ ބޮޑު އަނިޔާއެއް ކޮބާ؟" ހިތުގައި އަތްއަޅައިފައި އެނދުގައި އޮށޯވެލަމުން ރާޝިދު ބުންޏެވެ. "ތި ބަތްޕެނަށް ވިހަލައިގެން ގެނައި ނަމަ ވެސް މާ ރަނގަޅުވީސް. ކުދި އަނިޔާއަށް ކެތްކުރަންނުޖެހި އެއްފަހަރުން މަރުވީހެއްނު!"
"އޭތް! ތިހެން ނުބުނޭ!" މަޑުމަޑުން އަހަރެން ބުނީމެވެ. "ރާޝިދު މަރުވެއްޖެއްޔާ އަހަންނަށް ކިހިނެއްވާނީ؟ ބަތްޕެންތަށި ބޯލައިގެން އަވަހަށް ރަނގަޅުވޭ! ދަނީ ދެން!"
އަހަރެން ހިނގައިގަތީމެވެ. ދޮރާ އަރާ ހަމަވަނިކޮށް ރާޝިދު ގޮވައިލުމުން ހުއްޓެން މަޖުބޫރުވިއެވެ.
"މޫނި ވަރަށް ރީތި އިނގޭ!" ރާޝިދު ބުންޏެވެ.
ދެފައިން ވާގިދޫވެގެން އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. ފިރިހެނެއްގެ ދުލުން ތައުރީފު އަޑުއަހާހިތް ނުވާ އަންހެނަކު ނުހުންނާނެކަން އަހަންނަށް އެނގެއެވެ. އެ ކަމުގައި އަހަރެން ވެސް އިސްތިސްނާއެއް ނުވެއެވެ. އެކަމަކު ރާޝިދުގެ އަޑުގައި ސިހުރުވެރިކަމެއް ނުވަތަ ޖާދޫއެއް އެކުލެވިފައިވާ ކަހަލައެވެ. އެ ފަހަރު ހިތް ނުފުރުނީ އަހަންނެވެ.
"އަދި އެއްފަހަރު!" ހަތަރުކަޅި ހަމަކުރަން އުޒުރުވެރިވަމުން އަހަރެން އެދުނީމެވެ. "ހެޔޮނުވާނެ!"
"މޫނި ވަރަށް ވަރަށް ރީތި!" ރާޝިދު ތަކުރާރުކޮށް ބުންޏެވެ.
އަހަންނަށް ބަލައިލެވުނީ ރާޝިދަށެވެ. އަހަރެން ދާން ބޭނުންވީ އައިކޮޅަށެވެ. އަހަރެންގެ މަންޒިލަކީ އެއީއެވެ. އަހަރެންގެ އުފަލަކީ ވެސް އެއީއެވެ. އެހެނަސް އަހަރެންގެ ނަފުސު އެ ކަމަކަށް އެއްބަހެއް ނުވިއެވެ. އަހަރެންގެ ތަރުބިއްޔަތު އަހަންނަކަށް އިޒުނައެއް ނުދިނެވެ. އެ ތަނުން އަހަރެން ނުކުތީ އަހަރެންގެ ސާބިތުކަމުގެ އިމްތިހާނުން ރަން ވަނައެއް ހޯދައިގެންނެވެ.
ރޭގަނޑު ޑަކުޓަރު އައެވެ. އެކަމަކު އެ ފަހަރަކު އަހަންނަކަށް ރާޝިދުގެ ކޮޓަރިއަށް ވަންނާނެ ފުރުސަތެއް ނުލިބުނެވެ. ކުދިންގެ ކަންތަކުގައި އުޅެންޖެހުމުންނެވެ. ބައްޕަ ގާތުގައި ޑަކުޓަރު ދެއްކި ވާހަކައިން އެނގުނު ގޮތުގައި ރާޝިދަށް ޖެހިގެންއުޅެނީ އާދައިގެ ހުމެކެވެ. ދެ ދުވަހެއް ތެރޭގައި ރަނގަޅުވެދާނެއެވެ. ކަންބޮޑުވީ އަހަންނެވެ. ރާޝިދުގެ ހާލުބަލައިލަން އަހަރެން ބޭނުންވިއެވެ. އަހްސަނަކީ ޝައްކުބަލި ބޮޑު މީހެކެވެ. އެހެންވަނީ އަހްސަނަށް އުޅެވޭ ގޮތުން ކަމަށް ވެދާނެއެވެ.
ރޭގަނޑު އެގާރަޖެހިތަނާ އަހްސަން ކޮޓަރިއަށް ވަނެވެ. އާންމުގޮތެއްގައި އަހްސަނަކީ އެ ގަޑީގައި އަންނަ މީހެއް ނޫނެވެ. ގިނަ ވަގުތު އަހްސަން އުޅޭނީ ގެއިން ބޭރުގައެވެ. އޭނަ ވަންއިރު އަހަންނަށް ހުރެވުނީ ކޮޓަރީގައި ދެކޮޅަށް ހިނގައިލަހިނގައިލައެވެ. ހީވާގޮތުގައި އަހްސަން އައީ ފިޔަވަޅުގެ އަޑުނީއްވައެވެ. އަޑު އިވުނު ނަމަ އަހަރެން އޮތީހީ އެނދުގައެވެ.
"ކީއްތިކުރަނީ؟" އަހްސަން އެހިއެވެ. "މަ ހީކުރީ ނިދާފަކަމަށް އޮންނާނީ."
އަހަރެން ވަގުތުން ޖަވާބެއް ވިސްނައިލީމެވެ. އަހަންނަށް ފައިދާ ބޮޑުވާ ގޮތަށެވެ.
"ބައްޕަ އެހާ ރަނގަޅުވެފަ ހުއްޓާ ކަސްރަތާ އެއްޗެހި ހުއްޓުނީމަ އެ ކަމާ ވިސްނެނީ،" އަހަރެންގެ މަގުސަދު ވީހާ ވެސް ނޭނގޭނެ ގޮތަށް ބުނީމެވެ. "ރާޝިދު ކިހިނެއްބާ؟"
"އެ ކަމާ ވިސްނާނެކަމެއް ނެތް،" އަހްސަން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ވާނުވާ ބަލައިފަ މިއައީ. އޭނަ ހަމަ ގަދަފަދަ. އެކަމަކު އޭނަ އަނެއްކާ ވެސް އުޅެނީ އެއްޗެއް ނުކެވެޔޭ ކިޔައިގެން މޫނި ލައްވާ ބަތްޕެން ކައްކުވަންވެގެން. އޭނައަށް ހީވާ ކަހަލަ މަގޭ އަންހެނުންނަކީ އޭނައަށް ބަތްޕެން ކައްކައިދޭން ގެނެއްސަހުރި ނޯކަރެކޭ. ކިރިޔާ ކަމެއް ކޮށްދޭއިރަށް ބޮލަށް ސަވާރުވާންވެގެން އުޅޭނީ. އަޅާލާނެކަމެއް ނެތް. އަމިއްލަޔަށް ކައްކައިގެން ބޮއިފާނެއްނު!"
އަހްސަނަށް އެ ވާހަކަ ބުނެވުނީ އެންމެ ނުބުނާންވީ މީހާ ގާތުގައެވެ. ރާޝިދު ކަމަކަށް ބޭނުންވެފައި، އެ ކަމަކީ އަހަންނަށް ކޮށްދެވޭ ވަރުގެ ކަމަކަށްވުމުން، އެ ކަން ނުކޮށްދީ އަހަރެންގެ ލޮލަށް ނިދިއަންނާނީ ކިހިނެއް ހެއްޔެވެ؟ އަހްސަން ދިޔަތާކަށް ދާން ނުކުތުމާއެކު އަހަރެން ބަދިގެއަށް ވަނީމެވެ. ބަތްޕެން ކައްކަން އުދީއްސުރެ އަހަރެންގެ ހިތަށް ހުންނަނީ އުނދަގުލެއްވެފައެވެ. ހީވަނީ ކޮންމެވެސް ކަމެއް ވާންއުޅޭހެންނެވެ.
"އަހްސަނަށް އެނގެން އުޅެނީބާ؟" ހިތާހިތުން އަހަރެން ބުނެލެވުނެވެ.
ފާރުގައި އޮތް ހޯނު ވަގުތުން ޗަސްކަނޑައިލި އަޑު އިވުނެވެ. އެއްޗެއް ބުނާ ވަގުތު ހޯނު އެ އަޑު ލައްވައިފި ނަމަ އޭގެ މާނައަކީ އާނއެކޭއެވެ. ހިތަށްއެރިއެވެ. ހޯނަށް އެނގޭނީ ކޯޗެއް ހެއްޔެވެ؟ އެކަމަކު ހަގީގަތުގައި އަހްސަން ވަނީ ކެހިވެރި ރޭވުމެއް، ދުރާލައި ރާވާ ނިންމައިފައެވެ. އަހަންނަށް ދޮންކަޅުމިން ވެސް ނޭނގެއެވެ.
ނުނިމޭ