އެކްޓަރު ޕީޓާ ފޮންޑާ މަރުވެއްޖެ
އެކްޓަރު ޕީޓާ ފޮންޑާ މަރުވެއްޖެ

ދެ ފަހަރެއްގެ މަތިން އޮސްކާ އެވޯޑަށް ނޮމިނޭޓްވި ކުރީގެ މަޝްހޫރު އެކްޓަރު ޕީޓާ ފޮންޑާ މަރުވެއްޖެ އެވެ.

މަޝްހޫރު ބަތަލާ ޖޭން ފޮންޑާ، 81، ގެ ކޮއްކޮ އުމުރުން 79 އަހަރުގައި މަރުވީ ފުރަމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ލޮސް އެންޖެލިސްގަ އެވެ.

ޕީޓާގެ މަރާ ގުޅިގެން ހޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ހިތާމަފާޅުކޮށް، އޭނާގެ ހަނދާންތައް އާކޮށްފައިވެ އެވެ.

ފިލްމީ އާއިލާއަކަށް އުފަން ޕީޓާ އަށް އެންމެ ފުރަތަމަ އޮސްކާ ނޮމިނޭޝަނެއް ލިބުނީ އޭނާ މުހިއްމު ރޯލެއް ވެސް ކުޅެ ސްކްރީންޕްލޭ ލިޔުނު 1969 ގެ ފިލްމު "އީޒީ ރައިޑާ" އިންނެވެ. އެއީ އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ ނޮމިނޭޝަނެވެ. އޭގެ ފަހުން 1997 ގައި ފިލްމު "އުލީޒް ގޯލްޑް" އިން އެންމެ މޮޅު އެކްޓަރުގެ މަގާމަށް ވެސް ޕީޓާ ނޮމިނޭޓްވި އެވެ.

ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ޕީޓާ ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ސްޕްލިޓް އިމޭޖް (1982)، ރަ ރޯޒް ގާޑެން (1989)، ޑެޑްފޯލް (1993) އަދި ގޯސްޓްރައިޑާ (2007) ހިމެނެ އެވެ.

ޕީޓާއަކީ "ގޯޑްފާދާ ޕާޓް 3" އާއި "ސިންގަލް ވައިޓް ފީމޭލް" ގެ އިތުރުން "ޕޮއިންޓް އޮފް ނޯ ރިޓާން" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބްރިޖެޓް ފޮންޑާ، 55، ގެ ބައްޕަ އެވެ.