ޒީނަތު އަމަންގެ ދޮށީ ދަރިފުޅު ޒަހާން ހާން މިއުޒިކް ޑައިރެކްޓަރަކަށް
ޒީނަތު އަމަންގެ ދޮށީ ދަރިފުޅު ޒަހާން ހާން މިއުޒިކް ޑައިރެކްޓަރަކަށް

ކުރީގެ މަޝްހޫރު ބަތަލާ ޒީނަތުގެ އަމަންގެ ދޮށީ ދަރިފުޅު ޒަހާން ހާން މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން ތައްޔާރުވެ، ފުރަތަމަ ފިލްމަށް ސޮއިކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ޒަހާން މިއުޒިކް ތައްޔާރުކޮށްދޭ ފުރަތަމަ ފިލްމަކީ ކަޕިލް ޝަރުމާ ޑައިރެކްޓްކުރާ "ޑޯންނޯ ވާއި؛ ލަވް އިޒް ލަވް" އެވެ.

އޭނާއަކީ "ގަދަރު: އޭކް ޕްރޭމް ޚަތާ" އުފެއްދި ޑައިރެކްޓަރު އަނިލް ޝަރުމާގެ ކޮއްކޮ އެވެ. އަދި ކަޕިލް އަކީ ބޭބެ ސަންޖޭ ޝަރުމާ 2010 ގައި ޑައިރެކްޓް ފިލްމު "ޑޯންނޯ ވާއި...ނަ ޖާނޭ ކިޔު" ގެ ސްކްރީންޕްލޭ ލިޔެ، އެ ފިލްމުގެ ރޯލެއް ވެސް ކުޅުނު ފަންނާނެކެވެ. އެ ފިލްމަކީ ޒަހާންގެ މަންމަ ޒީނަތު ވެސް ބައިވެރިވި ފިލްމެކެވެ.

ކަޕިލްގެ އަލަތު ޑައިރެކްޝަނުން ފުރުސަތު ލިބުމުން ޒަހާން ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

"ވަކިން ހާއްސަކޮށް ކަޕިލްއާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ވެސް ބޮޑު އުފަލެއް. މި ފުރުސަތުގެ ބޭނުން އަހަރެން ވަރަށް ރަނގަޅަށް ހިފާނަން،" އޭނާ ބުންޏެވެ. "ކަޕިލް ވަނީ ފިލްމުގެ މިއުޒިކް އަހަރެން ބޭނުންވާ ގޮތަށް ތައްޔާރު ކުރުމުގެ ފުރިހަމަ އިހުތިޔާރު ވެސް ދީފައި."

"ޑޯންނޯ ވާއި: ލަވް އިޒް ލަވް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒަރީނާ ވައްހާބް، މޯނާ އަމްބޭގޮއާންކަރް އަދި ކިތޫ ގިޑްވާނީ ހިމެނެ އެވެ.

ކަޕިލް ބުނީ އޭނާގެ އަލަތު ޑައިރެކްޝަނުގެ މިއުޒިކް ޒަހާން ތައްޔާރުކޮށް ދިނުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށެވެ. އަދި އޭނާއަކީ ވަރަށް ވެސް ހުނަރުވެރި ކޮމްޕޯޒަރެއް ކަމަށް ބުންޏެވެ.

"އަހަންނަށް ވަރަށް ޔަގީން އޭނާގެ ކެރިއަރު ވަރަށް އުޖާލާވާނެ،" ކަޕިލް ބުންޏެވެ. "އަހަރެން އޭނާ އަށް ކާމިޔާބީ އަށް އެދެން."

ޒަހާންގެ އިތުރުން ޒީނަތުގެ ދެން ހުންނަނީ އަޒާން ހާން ކިޔާ ދަރިއެކެވެ. އެ މީހުންގެ ބައްޕައަކީ ކުރީގެ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު މަޒްހަރު ހާނެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޒީނަތަކީ މިހާރު ވެސް ދޭތެރެ ދޭތެރެއިން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އެގޮތުން، ޑިސެމްބަރު މަހު 6 ގައި ރިލީޒްކުރާ އަޝުތޯޝް ގޮވަރިކާގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ ރޯލަކުން ވެސް އޭނާ ފެންނާނެ އެވެ.