17 އޯގަސްޓް 2019 - 13:31

ނިއުޒިލޭންޑްގެ ކައުންސިލް އިންތިހާބުގައި ދިވެއްސަކު ވާދަކުރަން ފޯމް ހުށަހަޅައިފި އެވެ.
ނިއުޒިލޭންޑްގެ ހަޓް ސިޓީ ކައުންސިލަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރަނީ އެ ގައުމުގައި ދިރިއުޅެމުން އަންނަ ޝާޒްލީ ރަޝީދެވެ. ޝާޒްލީއަކީ އެ ގައުމުގައި ވިޔަފާރިއެއް ވެސް ހިންގަމުން އަންނަ މީހެކެވެ. ޝާޒްލީ ނިއުޒިލޭންޑައި ދިރިއުޅެމުން އަންނަނީ އާއިލާއާ އެކީގަ އެވެ.
ޝާޒްލީ ފޭސްބުކްގައި ބުނީ އޭނާގެ އަމާޒަކީ ހަޓް ސިޓީގައި ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެން ގޮސް، އިތުރު އިންވެސްޓްމަންޓްތައް ސިޓީއަށް ލިބުން ކަމަށެވެ. އަދި ހަޓް ވަޒީފާގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމަކީ ވެސް އޭނާގެ އަމާޒެއް ކަމަށް ޝާޒްލީ ބުންޏެވެ.
ލައްކަ އަކަށް ވުރެ ގިނަ މީހުން އުޅޭ ސިޓީއަކީ އާއިލާތަކަށް ރައްކާތެރި، ވިޔަފާރިތައް ހިންގުމަށް އެންމެ ރަނގަޅު ތަން ކަމުގައި ހަދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޝާޒްލީ ބުންޏެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ ތިޔަ މީހުންނަށް، އާއިލާތަކަށް، ވިޔަފާރިތަކަށް،" ޝާޒްލީ ބުންޏެވެ.
ނިއުޒިލެންޑްގެ ކައުންސިލް އިންތިހާބު އޮންނާނީ އޮކްޓޯބަރު 12 ގަ އެވެ.