18 އޯގަސްޓް 2019 - 07:43

މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ކޯލަޕޫރްގެ ޝިރޯލް ސަރަހައްދުން ހާލުގައި ޖެހުނު ބަޔަކަށް އެކްޓަރު ނާނާ ޕަޓޭކަރު 500 ގެ އިމާރާތްކޮށްދޭން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ ނާނާގެ ނާމް ފައުންޑޭޝަނުންނެވެ.
މިކަމާ ބެހޭ ގޮތުން އޭނާ ބުނީ ޝިރޯލް އަށް ކުރި ޒިޔާރަތެއްގެ ތެރޭގައި އެ އަވަށުގެ ރައްޔިތުންތަކަކަށް ލިބުނު ގެއްލުންތައް އަމިއްލަ އަށް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި ވަރަށް ގިނަ ބަޔަކު ތިބީ ބޯހިޔާވަހިކަން ގެއްލިފައި ކަމަށެވެ.
އެހެންވެ ހާލުގައި ޖެހުނު ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ސަރުކާރުން ކުރާ މަސައްކަތަށް ވެސް އެހީތެރިވުމުގެ ގޮތުން ނާމް ފައުންޑޭޝަނުން ގެތަކެއް އިމާރާތްކުރަން ނިންމީ ކަމަށް ބުންޏެވެ.
"މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ތިންހާހެއްހާ ގޭބިސީގެ ހާލަތު ބެލުމަށް ފަހު. އަހަރެން އުންމީދު ކުރަން ނާމް ފައުންޑޭޝަނުން ހިންގާ މަޝްރޫއުގެ ދަށުން އެތައް އާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދެވި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ދެވޭނެ ކަމަށް."
ނާނާ އަކީ އިންޑިއާގެ ދަނޑުވެރިންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އެކްޓަރެކެވެ.
އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން ވަރަށް ގިނަ ތަރިން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އެގޮތުން އެކްޓަރު ރިތޭޝް ދޭޝްމުކާއި އޭނާގެ އަންހެނުން/ބަތަލާ ޖެނީލިއާ ޑި ސޫޒާ ވަނީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު ދެވެންދުރަ ފަދްވާނިސްގެ ރިލީފް ފަންޑަށް 25 ލައްކަ ރުޕީސް ހަދިޔާކޮށްފަ އެވެ.