17 އޯގަސްޓް 2019 - 11:34

ނޭޕާލުގައި ހޯމަ ދުވަހު ފަށާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ކިރްގިސްތާނާ އެއް ގްރޫޕެއްގަ އެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ގައުމަކުން ވާދަކުރާއިރު ރާއްޖެ ލައްވާލީ ތިން ޓީމު ވާދަކުރާ ގްރޫޕުގަ އެވެ. ހަތަރު ޓީމު ކުޅޭ ގްރޫޕް ބީގައި އޮތީ ތުރުކުމެނިސްތާން، އުޒްބެކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ.

މުބާރާތުގެ ޝެޑިއުލް ފުރަތަމަ އޮތްގޮތުން މުބާރާތް ހުޅުވާ މެޗުގައި ހޯމަ ދުވަހު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭނީ ރާއްޖެ އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު މިހާރު މި ގްރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލް ބައްދަލުކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ރާއްޖެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާލެ ގަޑިން އިރުއޮއްސި 6:15 ގައި ބައްދަލުކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހު މާލެ ގަޑިން 4:15 ގައި ރާއްޖެ ކުޅޭނީ ނޭޕާލްއާ އެވެ.
ފުރަތަމަ ޝެޑިއުލް އޮތްގޮތުން ފަށާ މެޗުގައި ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހުމުން ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) އޭރު ބުނީ މުބާރާތާ ބެހޭ ވާހަކައެއް ދެއްކެން ވެސް އޮތީ ނޭޕާލުގެ މައްޗަށް ކުރިހޯދައިގެން ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވާން ލިބެން ޖެހޭ އެންމެ ރަނގަޅު ފުރުސަތުތައް ރާއްޖެ އަށް ލިބިގެން ގޮސްފިކަމަށާއި އެހެން ކަމުން "އެއްވެސް ބަހަނާއެއް ދެއްކުމެއް ނެތި" ނޭޕާލް ބަލިކުރަން ޖެހޭ ކަމަށެވެ.
އެކަމަކު މިހާރު މި ގްރޫޕުގެ ފުރަތަމަ މެޗުގައި ރާއްޖެ ކުޅެން ނުޖެހުމުން ލިބިގެންދާނެ ހިތްހަމަޖެހުންތަކެއް އެބައޮތެވެ. އެއީ މި ގްރޫޕުގައި ވާދަކުރާ ދެ ޓީމަށް ވެސް ބަދަލުތަކެއް އައިސްފައިވާއިރު، ދެ ޓީމުގެ ކުޅުން ދަސްކުރަން ވެސް ރާއްޖެ އަށް ފުރުސަތު ލިބުމެވެ. އަދި މެޗުތަކަށް ތައްޔާރުވާން އިތުރު ދުވަސްތަކެއް ވެސް ލިބުމެވެ. މިހާރު އޮތްގޮތުން މި ގްރޫޕްގެ ފުރަތަަމަ މެޗުގައި ހޯމަ ދުވަހު ހަވީރު ނޭޕާލާއި ކިރްގިސްތާން ބައްދަލުކުރާއިރު، އެ މެޗު ބަލައިގެން މި ދެ ޓީމުގެ ކުޅުންތެރިންނާއި ގޭމް ދަސްކުރަން ރާއްޖެ އަށް ވަގުތު ލިބޭނެ އެވެ.
ޝެޑިއުލަށް ދެން އިތުރު ބަދަލެއް އަންނަނަމަ އެކަން ކުރާނީ މިއަދު އޮންނަ ޓީމުތަކުގެ އޮފިޝަލުންނާއި އޮގަނައިޒިން ކޮމިޓީން ބާއްވާ ޓެކްނިކަލް ބައްދަލުވުމުގަ އެވެ.
ނޭޕާލާއި ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ވަނީ 2017 ވަނަ އަހަރު މާލޭގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ކުޅެފަ އެވެ. އެ ފަހަރު ދެ ޓީމު އަތުން ވެސް ރާއްޖެ ބަލިވިއިރު، މުބާރާތް ކާމިޔާބުކުރީ ކިރްގިސްތާނުންނެވެ.
ސެންޓްރަލް ޒޯނު މުބާރާތްތަކުގައި މިހާތަނަށް ރާއްޖޭން ވަނީ ރަނަރަޕް އަދި ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު އެންމެ ފަހުން ދެ މުބާރާތުގައި ރާއްޖޭގެ ނަތީޖާތައް ދަށެވެ. އެހެންވެ ވޮލީ ޓީމުން ވަނީ މި އަހަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ އެހީގައި ވޮލީ ޓީމުގެ ތައްޔާރީތަކަށް އެހީވާން ވަނީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވި ފުރުސަތެއްގައި ސާބިއާގައި މަތީ ފެންވަރުގެ ވަސީލަތްތަކުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ. މި ތަމްރީން ދަތުރާ އެކު ވޮލީ ޓީމު ވެގެންދިޔައީ ޔޫރަޕްގައި ޓްރެއިނިން ކޭމްޕެއް ޖެހި ރާއްޖޭގެ ފުރަތަމަ ޓީމަށެވެ. އެ ޓްރެއިނިން ކޭމްޕްގެ އެހީގައި ރާއްޖޭން މިދިޔަ މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ކޮމޮރޯސް އަތުން ތިން ސެޓުން މޮޅުވިއިރު، ސެމީ އަށް ނުދިޔައީ ރިޔޫނިއަން އާއި މަޑަގަސްކާ އަތުން ބަލިވުމުންނެވެ. އެހެން ނަމަވެސް އެ މެޗުތަކުގައި ވާދަވެރި ކުޅުމެއް ކުޅެ ކުރިއެރުން ހޯދި އެވެ.
އައިއޯއައިޖީ އަށް ފަހު ސެންޓްރަލް ޒޯނުގެ ތައްޔާރީތަކަށް މަދު ދުވަސްތަކެއް އޮތް ނަމަވެސް ސްޕޯޓްސް މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް މާލެ އައިސް ސްރީ ލަންކާގެ ގައުމީ ޓީމު ވަނީ ތިން މެޗެއް ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. މި ތިން މެޗުން ވެސް ލަންކާ މޮޅުވިއިރު، ދެ މެޗެއްގައި ރާއްޖޭން ވަނީ ސެޓެއް ގެންގޮސްފަ އެވެ. މި މެޗުތަކުގައި ރާއްޖޭން ދެއްކި ކުޅުމަކީ ލަންކާ ކަހަލަ ސަރަހައްދުގެ ގަދަ ޓީމަކާ ދެކޮޅަށް މިހާތަނަށް ދެއްކި އެންމެ ރަނގަޅު ކުޅުމެވެ.
އެ މެޗުތަކަށް އިޝާރާތްކޮށް ކޯޗު ކާއްޓޭ ވެސް ބުނީ ލަންކާ ބަލިކުރަންޖެހޭނެ ކަމަށް މީހުން ދުށް ކަމަށް ވިޔަސް ހަގީގަތުގައި ރާއްޖޭގެ ކުޅުންތެރިން އެ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ލަންކާ ކައިރީގައި އެ ވަރަށް ކުޅެވޭނަމަ ސެންޓްރަލް ޒޯނުގައި ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ބުންޏެވެ.
ރާއްޖޭ ޓީމުން އިއްޔެ ހެނދުނު ނޭޕާލަށް އައިސް ހޮޓަލަށް ވަދެވުނުއިރު 11 ޖަހައިފި އެވެ. އެކަމަކު އިއްޔެ ހަވީރު ވަނީ ފުރަތަމަ ޕްރެކްޓިސް ބާއްވައިފަ އެވެ. ކާއްޓޭ ބުނީ ތައްޔާރީތަކުގައި އެންމެ ތަންކޮޅެއް ވެސް ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
"ފުދޭ ވަރެއްގެ ދިގު ދަތުރެއް ކޮށްފައި މި އައީ. އައިސްފައި ވެސް ތިން ވަރަކަށް ގަޑިއިރު ނިދާލާފައި ވެސް އެންމެ ތަންކޮޅެއް ވެސް ދޫކުރަން ބޭނުންނުވާތީވެ ޕްރެކްޓިސް ކުރެވޭނެ ވާހަކަ ބުނީމަ އޭގެ ބޭނުން ހިފައިގެން ޕްރެކްޓިސް ކުރީ. މާ ހާޑް ޕްރެކްޓިސެއް ނުކުރިއަސް ހަމަ ސާވިސް އާއި ރިސީވް ހަދާލާފައި ލައިޓް ޕްރެކްޓިސް އެއް ކުރީމި،" ކާއްޓޭ އިއްޔެ ބޭއްވި ޕްރެކްޓިހަށް ފަހު ބުންޏެވެ.
ސެންޓްރަލް ޒޯން މުބާރާތެއްގައި އެންމެ ފަހުން ރާއްޖެ އަށް ރަނގަޅު ވަނައެއް ލިބުނީ 2016 ވަނަ އަހަރުގެ ފަހުކޮޅު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރުގެ މުބާރާތުގައި ރާއްޖެ ނިންމާލީ ތިން ވަނައިގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝް އިން ހޯދިއިރު، 2017 ވަނަ އަހަރު މާލޭގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތް ކާމިޔާބުކުރީ ކިރްގިސްތާން އެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތް ކާމިޔާބުކުރީ ތުރުކުމެނިސްތާން އެވެ.
ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ގައުމީ ވޮލީ ޓީމުގެ އެއް ކުޅުންތެރިއަކަށް މި މުބާރާތް ހާއްސަ އެވެ. އެއީ މި މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ތަޖުރިބާކާރި ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށެވެ. މި މުބާރާތަށް ފަހު ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާއިރު، އޭނާ ރިޓަޔާ އެ ކުރަނީ މެދުކެނޑުމެއްނެތި 15 އަހަރު ގައުމީ ޓީމަށް ކުޅުމަށް ފަހު އެވެ.